28 ނޮވެމްބަރ 2025 - 23:19

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.
އިދިކޮޅު ޕާޓީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއިލް މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވެފައިވާ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.
އެހެންވެ، އެ މަގާމަށް ވަގުތީގޮތުން ޗެއާޕާސަން އެއް އައްޔަންކުރުމަށް އެމްޑީޕީން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވިއިރު އެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ގައުމީ މަޖިލީހުން ނިންމީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އެގޮތުން އެ މަގާމަށް ވަހީދު އައްޔަންކުރަން ފެންނަ ކަމަށް 47 މެމްބަރަކު ވޯޓު ދެއްވިއިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ، އޭނާ އެ މަގާމަށް އައްޔަން ކުރަން ފާހެއް ނުވި އެވެ.
ފަންކްޝަން ފައިވް ނަމަކަށް ކިޔާ އިވެންޓް ހޯލެއްގައި ބޭއްވި ޖަލްސާގައި ވަނީ ޗެއާޕާސަންގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
އެހެން ނަމަވެސް އަސްލަމަކީ ގައުމީ މަޖިލީހުގެ މެމްބަރަކަށް ނުވާތީ، އެ މަގާމަށް އަސްލަމަށް ވާދަ ކުރެވޭތޯ ބައެއް މެމްބަރުން ސުވާލު އުފެއްދުމުން އެންމެ ފަހުން ރިޔާސަތުން ނިންމީ އަސްލަމްގެ ނަމަށް ވޯޓަށް ނޭހުމަށެވެ.