ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީ ބަދަލުގެ ނުރައްކާ: ރައީސް
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީ ބަދަލުގެ ނުރައްކާ: ރައީސް

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާ އިތުރު ވަމުންދާކަން ހާމަވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތައިލެންޑާއި އިންޑޮނޭޝިއާ އާއި ވިއެޓްނާމްގައި ފެން ބޮޑުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އަދި ސްރީލަންކާއަށް ވެސް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެ ވިއްސާރައިގެ ސަބަބުން ތައިލެންޑާއި އިންޑޮނޭޝިއާ އަދި ވިއެޓްނާމަށް ލިބެމުންދާ ގެއްލުންތަކުގެ ހިތާމައިގައި ރާއްޖެއިން ބައިވެރިވާ ކަމަށެވެ. އަދި އެކަމުން ހާމަވަނީ މޫސުމަށް އަންނަ ބަދަލުގެ ނުރައްކާތައް ކަމަށް އެ ޕޯސްޓްގައިވެ އެވެ.

އޭގެ އިތުރުން ހޮންކޮންގުގެ އިމާރާތްތަކެއްގައި ރޯވެ، 100 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން ވެސް ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސްރީލަންކާއަށެވެ. އެގޮތުން ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 56 މީހަކު މަރުވެ އަދި 21 މީހަކު ވަނީ ގެއްލިފަ އެވެ.