އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ވަހީދު ވާދަކުރަނީ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ވަހީދު ވާދަކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވެފައިވާ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

އެހެންވެ، ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ވަހީދު ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި އެ ޕާޓީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކަމަށް ވޯޓަށް އެހުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ. ނަމަވެސް ގައުމީ މަޖިލީހުގެ މެމްބަރަކަށް ނުވާތީ އެ މަގާމަށް ވާދަ ކުރުމުގެ ފުރުސަތު އަސްލަމަށް ވަނީ ގެއްލިފަ އެވެ.

އެމްޝީޕީގެ ޗެއާޕާސަންގެ މަގާމަށް އާ ބޭފުޅަކު ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާ ގޮތަކަށް ދޫކޮށްލަން އެ ޕާޓީގެ ހިންގާ ކޮމެޓީން އޮތީ ނިންމައިފަ އެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ގައުމީ މަޖިލީހަށް ވެސް ހުށަހަޅަން އެ ކޮމެޓީން އޮތީ ނިންމައިފަ އެވެ.

އެހެންވެ، ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެކަންކަމާ މެދު ވެސް ގޮތެއް ނިންމާނެ އެވެ.