28 ނޮވެމްބަރ 2025 - 20:10

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި ފުލުހުންގެ ތަހުގީގު އަދި ޝަރީއަތުގައި ނަޝީދު އަވަހާރަކޮށްލަން ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލާގައި ތިން ދައުވާއެއް ކުރި ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން ދިން އެ އިންޒާރުތަކާ ގުޅިގެން ޔާފިސްގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
އެ ދައުވާތަކުގެ އަސްލު އަދަބަކީ 26 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ކުށަށް އިއުތިރާފްވުމުން އޭނާގެ އަދަބު 10 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކުރަން ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
އެހެންވެ، އޭނާ 10 އަހަރަށް ޖަލަށްލާން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގައި ދެ އަހަރަށް އަދި އިންޒާރު ދިނުމުގެ ކުށުގައި ތިން އަހަރަށް އަދި އެކަމަށް ހިތްވަރު ދިނުމުން ފަސް އަހަރަށް ކަމަށް ޕީޖީން ބުންޏެވެ.
ރ. މީދޫގައި ހުއްޓާ އޮގަސްޓް، 2021 ގައި ޔާފިސް ހައްޔަރުކުރީ ފޭސްބުކްގައި ކުރި ކޮމެންޓެއްގައި ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "އަބޫޖަހުލަށް ހެދިގޮތް ހަދާނަން" ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ. އޭރު ނަޝީދު ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގަ އެވެ.
މީދޫގައި އުޅެމުންދިޔަ އޭރު އުޅެމުންދިޔަ ޔާފިސް އޭރު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ބަންދު މުއްދަތު މަޖިލީހުގައި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާ 15 ދުވަހަށް ޖަލަށްލާން ވެސް އޭރު އެ ކޯޓުން ހުކުމްކުރި އެވެ.
ޔާފިސް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު، ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވެސް، ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން މައްސަލާގައި އޭނާ އެއް މަހަށް ޖަލަށްލާން އެ ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.