ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަ ބުރުން 100 ޕަސަންޓްގެ ރެކޯޑެއް
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަ ބުރުން 100 ޕަސަންޓްގެ ރެކޯޑެއް

ނިއު ރޭޑިއަންޓްގެ މައްޗަށް ފަހަތުން އަރައި 2-1 ން މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ފުރިހަމަ ރެކޯޑަކާ އެކު މާޒިޔާއިން ނިންމާލައިފި އެވެ.

ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި ދެމެހެއްޓީ 27 ޕޮއިންޓާ އެކު އެވެ. ލީގުގައި ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ ވެސް މާޒިޔާ އެވެ.

ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި މާޒިޔާ އާއި ނިއު މެޗަށް ނުކުތީ ހަތް އަހަރުގެ މެދުކަނޑުމަކަށް ފަހު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ 10 މިނެޓްތެރޭ ނިއު އިން ލީޑް ނެގި އެވެ. އެ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)، އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތީގައި ހުރެފައި އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ލަނޑު ޖެހީ ނިއުގެ ބްރެޒިލްގެ ފޯވާޑް ގިލާމީ ސިލްވާ އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރި އެވެ.

ނިއުއިން ސީނިއާ ކެރިއާ ފެށި ހަމްޒާ މުހައްމަދު، މާޒިޔާގެ ޖޯޒީގައި ރަސްމީ ސީޒަނުގައި ފުރަތަމަ ފަހަރަށް ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖަހަން އެހީވެދީފަ އެވެ.

މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު އަހްމަދު އައިހަމް (ފަތޯ) ޖެހީ ހަމްޒާ ނަގައިދިން ބޯޅައިން ތަނަވަސް ވި ފުރުސަތުގަ އެވެ.

މާޒިޔާ މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ހަމްޒާ ޖެހީ ސީދާ އޭރިއާގެ ތެރެއަށް އައިހަމް ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އައިހަމް އެ ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި ގޯލް ކުރިމައްޗަށް ބޯޅަ ނަގައިދިން އިރު ވެސް އޭނާ ހުއްޓުވަން ނިއުގެ ޑިފެންޑަރުންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއުގެ ކުރީގެ ވާދަވެރި ވިކްޓަރީން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.