28 ނޮވެމްބަރ 2025 - 18:02

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ހުށަހަޅުއްވާފައިވާކަން އެނގިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ދޫކުރާ މި ފައިސާ އާއި ބޭސްފަރުވާ އަށް ވެސް ނޮވެމްބަރު 17، 2018 ގައި ވެރިކަން ނިމުނީންސުރެ ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ރޭ ޖަލްސާގައި ޔާމީން ވަނީ ދިފާއުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު މިއަދު ވިދާޅުވީ ޔާމީން އޮފީސް ހިންގުމުގެ ހަރަދަށް ފައިސާ ހޯއްދަވަން ހުށަހެޅުއްވީ މި މަހުގެ 10 ވަނަ ދުވަހު ސީދާ ޔާމީން ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.
އިޖުތިމާއީ ކަންކަން ކުރުމަށް ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ފައިސާ ދޫކުރަނީ އެކަމަށް ފައިސާ ހޯދަން އެ ބޭފުޅަކު ހުށަހެޅުއްވުމުންނެވެ. އެހެންވެ، މިހާތަނަށް ވެސް ޔާމީން ހުށަހަޅުއްވާފައި ނުވާތީ އެ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާ، ބެކްޑޭޓް ކޮށްފައި ދޫކުރުމާ ބެހޭ ގޮތުން ގާނޫނީ ލަފާ ހޯދަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ. އެ ލަފަޔަށް އެދިފައިވާކަން ބަންޑާރަ ނައިބުގެ އޮފީހުން "މިހާރު" އަށް މިއަދު ކަށަވަރު ކޮށްދިނެވެ.
"އެފަދަ ލަފަޔަކަށް ވަނީ ފިނޭންސުން އެދިފައި. އެކަމަކު މިހާތަނަށް އަދި އެކަމުގައި ލަފައެއް ނުދޭ،" ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކޮންމެ ބޭފުޅަކަށް ދައުލަތުން މަހަކު 175،000ރ. ލިބޭނެ އެވެ. މި ރޭޓުން ބަލާއިރު ޔާމީނަށް 14.7 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅަކު ބޭނުންވެއްޖެ ނަމަ މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖައްސަން ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭން ވާނެ ކަމަށެވެ.
ނަމަވެސް ޖަލުގައި ގިނަ ދުވަސްތަކެއް ވެސް ހޭދަކުރައްވާފައިވާ ޔާމީން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮފީސް ހިންގުމުގެ ހަރަދު ހޯއްދަވަން ދައުލަތުގައި އެދިވަޑައިގެންފައި ނުވާ ކަމަށް އެނގިފައިވެ އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު ނުނަންގަވާ ކަމަށް ވިދާޅުވެ، ދިފާއުގައި ޔާމީން ރޭ ވާހަކަ ދެއްކެވިއިރު އެ ހަރަދަށް މިހާތަނަށް ޖެހޭ 14.7 މިލިއަން ރުފިޔާ ހޯއްދަވަން ފިނޭންސް މިނިސްޓްރީ އަށް ސިޓީފުޅެއް ފޮނުއްވި ވާހަކަ ވެސް ހާމައެއް ނުކުރައްވަ އެވެ.
އޮފީސް ހިންގުމުގެ ހަރަދާއި ބޭސްފަރުވާއަށް ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ޔާމީން ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އިނގުރައިދޫގެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ޔާމީނަށް ދެއްވި ބަހުގެ ހަމަލާތަކާ ގުޅިގެންނެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ފަލާހް ވިދާޅުވީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކަނޑައަޅާފައިވާ ފައިސާ ބޭނުން ނުކުރެއްވިޔަސް ޔާމީންގެ ގެކޮޅުގައި ސިޔާސީ މަސައްކަތް ކުރަނީ ދައުލަތުން ފައިސާ ލިބިގެން ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި އެ ގޭގޭގައި ވެސް މި އިނާޔަތް ނުދިން ކަމުގައި ވިޔަސް އޮފީސް ހިންގުމަކީ ހަމަ ދައުލަތުން ފައިސާ ދީގެން އޮފީސް ހިންގުން ކަމަށް ރައްޔިތުންނަަށް ބެލެވެނީ،" ޔާމީންގެ ގެކޮޅަކީ ނުހަައްގު ފައިސާއިން ބިނާކުރެއްވި ތަނެއް ކަމަށް ތުހުމަތުކުރައްވަމުން ފަލާހު ވިދާޅުވި އެވެ.
އޮފީސް ހިންގުމުގެ ހަރަދާއި ބޭސްފަރުވާއަށް ޔާމީން ފައިސާ ނުނެންގެވި ނަމަވެސް ގާނޫނުގައި ބުނާ އެހެން އިނާޔަތްތައް ޔާމީނަށް ދައުލަތުން ދެ އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ހިސާބުތަކަށް ބަލާއިރު ޔާމީން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތުގެ ގޮތުގައި 8.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ވެރިކަން ބަދަލުވި ފަހު އަހަރު ކަމަށްވާ 2019 އިން ފެށިގެން ދިިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ އަހަރަކު 600،000ރ. ޔާމީނަށް ދައުލަތުން ދޫކޮށްފައި ވެ އެވެ. އަދި މާލީ އިނާޔަތަށް ވެސް ކޮންމެ އަހަރަކު ހަމަ އެ ވަރަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ.
ވެރިކަން ބަދަލުވި އަހަރު ވެސް ދިރިއުޅުއްވާ ތަނުގެ ހަރަދަށް 73،000ރ. އަދި މާލީ އިނާޔަތަށް ވެސް 73،000ރ. ދައުލަތުން ޔާމީނަށް ދޫކޮށްފައި ވެ އެވެ.
މަނީ ލޯންޑަރިން އާއި ޚިޔާނާތުގެ ކުށުގައި ޔާމީން ޖަލުގައި ބަންދުކޮށްފައި ހުރި ދެ އަހަރުގެ މުއްދަތުގައި ނުލިބި އޮތް 2.4 މިލިއަން ރުފިޔާ ވެސް ޔާމީން ވަނީ އިސްތިއުނާފް މަރުހަލާގައި ޖަލުން ސަލާމަތްވުމާ އެކު ހޯއްދަވައިފަ އެވެ. އެ ފައިސާ ހޯދަން ހުށަހެޅުއްވުމުން ޖެނުއަރީ 2022 ގައި ޔާމީން އޭރުގެ ސަރުކާރުގައި ވަނީ ފައިސާ ދޫކޮށްފަ އެވެ.