28 ނޮވެމްބަރ 2025 - 16:50

ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ބޭއްވި އޭސީސީ 19 އަހަރުންދަށުގެ ޕްރިމިއާ ކަޕްގައި ވާދަކުރުމަށް ފަހު ރާއްޖެ އަންނަން ފުރި ގައުމީ ކްރިކެޓް ޓީމު ލަންކާގެ ތޫފަނުގައި ޖެހި ތާށިވެއްޖެ އެވެ.
ރާއްޖޭގެ ޓީމުގެ 14 ކުޅުންތެރިންނާއި ތިން އޮފިޝަލުން، ސްރީލަންކަން އެއާލައިންގެ ފްލައިޓްގައި ދަތުރު ފެށީ ރޭ ދަންވަރު 3:30 ގަ އެވެ. ފްލައިޓް ރާއްޖެ އަންނަން ހަމަޖެހިފައި އޮތީ ކޮލަމްބޯގައި ޓްރާންސިޓްވުމަށް ފަހު މިއަދު އެވެ.
އެކަމަކު ބޭ އޮފް ބެންގާލްގައި ލަންކާއާ ދިމާލުން އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އެ ގައުމުގައި ފެންބޮޑުވެ ބިނގަޑުކަޑައިގެންގޮސް މޫސުމީ ކާރިސާއެއް ކުރިމަތިވި އެވެ. އަދި ކޮލަމްބޯގެ ބަންޑާރަނަޔަކަ އެއާޕޯޓްގެ ރަންވޭގައި ފެންބޮޑުވެ ފްލައިޓް ދަތުރުތައް ވެސް ސަސްޕެންޑް ކުރި އެވެ.
އެ އާއޯޕޯޓްގައި ބޯޓް ޖެއްސޭނެ ހާލަތެއް ނެތުމުން ގައުމީ ޓީމުގެ ކުޅުންތެރިން ދަތުރު ކުރި ބޯޓް މަންޒިލު ބަދަލުކުރީ އިންޑިއާގެ ޓްރިވަންޑްރަމްއަށެވެ. ބޯޓް ޓްރިވަންޑްރަމް އަށް ދިޔައީ މިއަދު ހެނދުނު 8:35 ހާއިރު އެވެ.
"ޓްރިވަންޑްރަމްގެ ރަންވޭގައި ބޯޓް ޖައްސައި އަޅުގަނޑުމެން ބޯޓްގެ އެތެރޭގައި ތިބެންޖެހުނު ފަސްގަޑިއެއްހާއިރު،" ކްރިކެޓް ބޯޑްގެ ނައިބުރަރީ އިސްހާގް ވިދާޅުވި އެވެ.
"ގުދުރަތީ ކާރިސާއެއް ކުރިމަތިވީ. އެކަމުގައި އެއްވެސް ބަޔަކު ކުރާނެކަމެއް ނެތް. އެހެންވެ އަޅުގަނޑުމެންނަށް ވެސް އެ ނޫން ގޮތެއް ނޯންނާނެ."
ވައިގެ ދަތުރުތައް އަލުން ކޮލަމްބޯއިން ފެށުމުން، މިއަދު މެންދުރު ފަހު އެ ބޯޓްގައި ގައުމީ ޓީމު ވެސް ވަނީ ކޮލަމްބޯ އަށް ގޮސްފަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަމުން އިސްހާގް ވިދާޅުވީ މިހާރު ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ކޮލަމްބޯގެ ހޮޓަލެއްގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ކުޅުންތެރިން މިހާރު ތީބީ ހޮޓަލަށް ދިއުމުގެ މަގުމަތީގައި. ހުރިހާ ކަމެއް ރަނގަޅު ކުޅުންތެރިންނާއި އޮފިޝަލުންގެ ހާލު ވެސް ރަނގަޅު. އަލްހަމްދްލިﷲ،" އިއްސަ ވިދާޅުވި އެވެ.
ޓީމު މިރޭ މާލެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިއްތަ ދުވަހު ފައިނަލު މެޗު ކުޅޭ މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިވެހި ޓީމަކަށް ނުދެވުނެވެ. ޓީމު ދުބާއީ އަށް ދިޔައީ ވެސް ލަންކާގައި ކުރިއަށް ގެންދިޔަ ކުރު ޓްރޭނިން ކޭމްޕަކަށް ފަހު އެވެ.
"ދީތުވާ" ނަން ދީފައިވާ ތޫފާނުގައި ލަންކާގެ އެކި ސަރަހައދުތަކުގައި ފެންބޮޑުވެ ބިނގަނޑު ކަޑައިގެން ދިޔަ ހާދިސާތަކުގައި 50 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 21 މީހުން ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ އެވެ. ޒަމްވި މީހުންގެ އަދަދު ވަނީ 14 އަށް އަރައިފަ އެވެ.
މޫސުމީ މި ކާރިސާއާ ގުޅިގެން ލަންގާއި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.