28 ނޮވެމްބަރ 2025 - 17:01

ހޮންކޮންގުގެ އެޕާޓްމަންޓް ބިލްޑިންގު ތަކެއްގައި އަލިފާން ރޯވިތާ 42 ގަޑި އިރު ފަހުން އެ އަލިފާން ގަނޑު ނިއްވައިލެވުނު އިރު މަރުވި މީހުންގެ އަދަދު 128 އަށް އަަރައިފި އެވެ.
ހޮންކޮންގުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސްއެޖެންސީތަކުން ބުނީ އެޕާޓްމަންޓް ބިލްޑިންގުތަކުގައި ރޯވުމުގެ ސަބަަބުން މަރުވިކަން ކަށަވަރުވި 128 މީހުންގެ އިތުރުން 200 މީހަކު ގެއްލިފައިވާ ކަމަށެވެ.
ހޮންކޮންގުގެ ސެކްރެޓަރީ ފޯ ސެކިއުރިޓީ ކްރިސް ޓޭންގު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ގިނަ އިމާރާތްތަކަށް ވަރަށް އަވަަހަށް ފެތުރިގެން ދިޔަ އެ އަލިފާނުގެ ސަބަބުން 79 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެސް ވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގީ ހޮންކޮންގުގެ ޓައިޕޯ ނެއިބަހުޑްގައި ހުރި ޕަބްލިކް ހައުސިން އެސްޓޭޓެއްގަ އެވެ.
ޓޭންގް ވިދާޅުވީ އަލިފާން ރޯވި އިމާރާތްތަކުގައި އުޅުނު މީހުންގެ ތެރެއިން 200 މީހަަކަށް ވީގޮތެއް އަދި ނޭނގޭތީ، މަރުވި މީހުންގެ އަދަދު އަދި އިތުރުވެދާނެ ކަމަށެވެ.
ހޮންކޮންގުގައި އެފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ނުހިނގާތާ އެތައް އަހަރެއް ވެފައި ވާއިރު މިފަހަރުގެ ހާދިސާގެ ސަބަބުން އެ ސިޓީގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. ހޮންކޮންގަކީ އުސް އިމާރާތްތައް ގިނަ ސިޓީއެކެވެ.
ހޮންކޮންގުގެ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި އަލިފާން ރޯވީ ވަރަށް ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ވާންގް ފުކް ކޯޓް ނަމަކަށް ކިޔާ އަށް ޓަވަރުގެ ކޮމްޕްލެކްސްއެއްގެ ތެރެއިން އެއް ޓަވަރުގެ ތިރީ ފަންގިފިލާއެއްގަ އެވެ. އެއީ 4،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިމާރާތެކެވެ.