28 ނޮވެމްބަރ 2025 - 14:46

ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ" އިންޑިއާގެ ދެކުނު ސަރަހައްދާ ދިމާލަށް ދަތުުރުކުރަމުން ދިޔަ ނަމަވެސް އެ ތޫފާނުގެ ސަބުން ރާއްޖޭގެ މެދުތެރެެ އާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިރިއޮލޮޖީ ސާވިސް (މެޓް އޮފީހުން) މިއަދު ބުނެފި އެވެ.
މެޓުން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެ، ތ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މެޓް އޮފީހުން ބުނީ ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރު އުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ސްރީ ލަންކާގެ އައްސޭރިފަށުގައި ކަމަށެވެ. ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ޓެމިލްނާޑޫ އާއި ޕޫޑްޗެރީ އާއި އަންދުރަޕްރަދޭޝްގެ އައްސޭރިފަށާ ދިމާލަށް ކަމަށް ވެސް އެ ޕޯސްޓްގައި މެޓް އޮފީހުން ބުންޏެވެ.
"ތޫފާނާ ގުޅިގެން ހުދު ސަމާލު ނެރެވުނީ މެޓް އޮފީހުގެ އެލާޓް ދަރަޖަކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުންނެވެ،" މެޓް އޮފީހުގެ ޕޯސްޓްގައި ބުންޏެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ.
ތޫފާން ދީތުވާގެ ސަބަބުން އަވަށްޓެރި ސްރީ ލަންކާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، 50 އަށް ވުރެ ގިނަ މީހުން މަރުވެ، ބޮޑެތި ގެއްލުންތައް ލިބުނެެވެ.