28 ނޮވެމްބަރ 2025 - 14:37

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރި ޒަމާނީ އިސްލާމީ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދުގެ ހުކުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އެ މަޒުކަޒު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ގިނަ ވަސީލަތްތަކެއް ގާއިމްކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އޭގެ އިތުރުން 400 މީހުންގެ ޖާގައިގެ މަލްޓިޕާޕޮސް ހޯލަކާއި. 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސް ރޫމް ހުރެ އެވެ.
އެ މަރުކަޒުގައި މިސްކިތުގެ އިތުރުން އިސްލާމީ ލައިބްރަރީއަކާއި، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި ސެމިނާ ރޫމަކާއި އިދާރީ އޮފީސް ބައެއް ހުރެ އެވެ. މިތަން އިމާރާތްކުރަން 2023 ގައި އާރުސީސީއާ ހަވާލުކުރީ 50.8 މިލިއަން ރުފިޔާއަށެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3، 1988 ގެ އުދުވާނުގައި ޝަހީދުވި ހއ. ދިއްދޫއަށް ނިސްބަތްވާ ޝަހީދު އުމަރު އަހުމަދުގެ ނަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގަިއ މަސްޖިދު ޝަހީދު އުމަރު އަހުމަދުގެ ނަމުން އެ މިސްކިތަށް ނަންދިނީ، ޝަހީދު އުމަރު އަހުމަދަކީ ޝަހީދުވުމާ ހަމައަށް މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވީ އެ މަރުކަޒުގައި ގާއިމްކުރަން ނިންމި ހުރިހާ ވަސީލަތެއް ގާއިމްކޮށް ފުރިހަމަކުރުމަށް ފަހު އެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓު ވެސް ހަރުކޮށްފައި ވެ އެވެ.
އެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު ފަހު ޝަހީދު އުމަރު އަހްމަދު މިސްކިތުގައި ފުރަތަމަ ފަހަރަށް މިއަދުގެ މެންދުރު ނަމާދަށް ބަންގި ގޮވީ އެރަށު ތިލަދޫ، މުހައްމަދު ހަލަފް ޝަކީބުއެވެ. އަދި އިމާމުވެ ހުކުރު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމެވެ.
މި މަރުކަޒު ހުޅުވުމުގެ އުފަލުގައި އެ ރަށުގައި މިރޭ ޖާފަތެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.