28 ނޮވެމްބަރ 2025 - 11:58

މިފަހުގެ ތާރީހެއްގައި، އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވި މޫސުމީ އެންމެ ބޮޑު ކާރިސާގައި ފެންބޮޑުވެ، ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ"ގެ ސަބަބުން އަވަށްޓެރި ސްރީ ލަންކާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، އެކި އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ސްރީ ލަންކާގައި ފެންބޮޑުވެ، މީހުންގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތައް ވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ލަންކާއަށް ކުރިމަތިވި އެ ހިތާމައާ ގުޅިގެން ދިވެހިން ތިބީ ލަންކާގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރައިފަ އެވެ. އަދި އެ ހާދިސާތަކުގައި 21 މީހަކު ވަނީ ގެއްލިފަ އެވެ.
ސްރީ ލަންކާގެ އިދާރާތަކާ ހަވާލާދީ ބީބީސީ ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން 21 މީހަކީ ސައިފަތް ހެއްދުމަށް މަޝްހޫރު ބަޑުއްލާ ޑިސްޓްރިކްޓުގެ މީހުންނެވެ.
އެ ތޫފާން ދަތުރުކުރަމުން ދަނީ އިންޑިއާ ދިމާލަށެވެ.