28 ނޮވެމްބަރ 2025 - 11:17

ބޮލީވުޑްގެ ލެޖެންޑް ދަރުމެންދުރަ ވަކިވިޔަސް، އޭނާގެ ހަނދާންތަކާ އެކު "އަޕްނޭ 2" ގެނެސްދޭނެ ކަމަށް އެ ފިލްމު ޕްރޮޑިއުސަރު ބުނެފި އެވެ.
"އަޕްނޭ 2"ގެ ޕްރޮޑިއުސަރު ދީޕަކް މުކުތު ވަނީ މީގެ ފަސް އަހަރު ކުރިން މަސައްކަތް ފެށި އެ ފިލްމާ ގުޅޭ ގޮތުން ބައެއް ވާހަކަތައް މީޑިއާތަކަށް ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، އެ ފިލްމުގެ މަސައްކަތް އެއްވެސް އިރަކު ހުއްޓައެއް ނުލަ އެވެ.
"އެ ފިލްމު އަންނާނެ، ފުރިހަމަ ކަމާ އެކު. ވަރަށް މަޑުމަޑުން އޭގެ މަސައްކަތްތައް އެބަ ހިނގާ. އަދި ދުވަހަކު ވެސް އެ ފިލްމުގެ މަސައްކަތް ހުއްޓާލާ ވާހަކައެއް ނުދެކެވޭ،" އޭނާ ބުންޏެވެ.
ދީޕަކް ބުނި ގޮތުގައި "އަޕްނޭ 2" ވާނީ ދަރްމެންދުރަ އަށް ދޭ ޓްރިބިއުޓަކަށެވެ.
"އަޕްނޭ 2"އަކީ ދަރްމެންދުރަ އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއާ އެކު، ޑައިރެކްޓަރު އަނިލް ޝަރްމާ 2007 ގައި ގެނެސްދިން ސްޕޯޓްސް ޑްރާމާ "އަޕްނޭ"ގެ ސީކްއެލްއެކެވެ.
އެ ފިލްމުގެ މަސައްކަތްތައް 2020 ވަނަ އަހަރު ފެށި އިރު، އެ ފިލްމުގެ ކާސްޓުގައި ދަރްމެންދުރަގެ ކާފަ ދަރިފުޅު ނުވަތަ ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނޭ ކަމަށް އޭރު ނޫސްތަކުން ރިޕޯޓްކުރި އެވެ.
އުމުރުން 89 އަހަރުގައި ދަރްމެންދުރަ މަރުވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު މިދިޔަ ހޯމަ ދުވަހު އެވެ. އޭނާގެ ދިގު ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން، ކޮމެޑީ އަދި ޑްރާމާ ފިލްމުތައް ވެސް ހިމެނެ އެވެ.