28 ނޮވެމްބަރ 2025 - 11:18

ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ސިދާތު މަލްހޯތުރާގެ އަލަތު ދަރިފުޅުގެ ނަން މިއަދު ހާމަކޮށްފި އެވެ.
އަންހެން ދަރިފުޅުގެ ނަން ހާމަކުރީ ސިޑް އާއި ކިއާރާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ދަރިފުޅުގެ މޫނު ނުފެންނަ، ލޯބި ފޮޓޯއެއް ހިމަނާފައިވެ އެވެ.
އެ ޕޯސްޓުގައި ބުނި ގޮތުގައި، އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ "ސަރާޔާ މަލްތޯހުރާ" އެވެ.
ސިޑް އާއި ކިއާރާއަށް ކުއްޖަކު ލިބުނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.
އެ ދެ ތަރިން ކައިވެނިކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ވިހެއުމަށް ފަހު ކިއާރާ ދެން އެންމެ އަވަހަށް ފަށާނީ، އޭނާ މިހާރު ކުޅެން އެއްބަސްވެފައިވާ ކުރީގެ މަޝްހޫރު ބަތަލާ އަދި އިންޑިއާ ސިނަމާގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވުނު އެކަކު ކަމަށްވާ މީނާ ކުމާރީގެ ބަޔޮޕިކް ފިލްމުގެ މަސައްކަތެވެ.
ސިދާތުގެ އާ ފިލްމެއް މިދިޔަ ސެޕްޓްބަރު މަހު ގެނެސްދިނެވެ. އެއީ ޖާންވީ ކަޕޫރާ އެކު އޭނާ ކުޅުނު "ޕަރަމް ސުންދަރީ" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.