28 ނޮވެމްބަރ 2025 - 07:24

ކުޅެން ނުކުތްތާ މާ ގިނަ ދުވަހެއް ނުވެ ނޭމާ އަށް އަނެއްކާ ވެސް ސީރިއަސް އަނިޔާއެއް ވެއްޖެ އެވެ.

ބްރެޒިލް ލީގުގެ ސަންޓޯސް އަށް ލީގުގެ ފަހު ތިން މެޗަށް ވެފައި ވަނިކޮށް، އުމުރުން 33 އަހަރުގެ ނޭމާ އަށް މި މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިއީ ނޭމާ އަށް މި އަހަރު ކުރިމަތިވި ހަތަރުވަނަ އަނިޔާ އެވެ. އޭނާގެ ކުޑަހުޅުގެ މައްސަލަތަކާއި މަސްގަނޑަށް ލިބުނު އަނިޔާ އާއި ކަކުލުގެ އަނިޔާއަކަށް ފަހު، މިހާރު މިވަނީ ވާތު ކަކުލުގެ މިނިސްކަސް އަށް އަނިޔާވެ، އިތުރު ޓެސްޓްތަކެއް ވެސް ހަދަން ޖެހިފަ އެވެ.

ނޭމާ ވަނީ ވާތު ފައިގެ އޭސީއެލް އަނިޔާއަކާ ގުޅިގެން 2023 ގައި ސާޖަރީއެއް ވެސް ހަދައިފަ އެވެ.
ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި މަހު އަލުން ކުޅެން ފެށި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ އަށް ނުކުޅެވެ އެވެ. އޭގެ ކުރީ ތިން މެޗުގައި ކުޅުނު އިރު، ގޯލެއް ވެސް ޖަހާފައިވެ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ނޭމާގެ ކަކުލަށް ތަދުވާތީ އުޅުނު ނަމަވެސް އޭނާ ވަނީ މެޗު ފުރިހަމަ ކޮށްފަ އެވެ.
ސަންޓޯސް އަށް ބަދަލުވެ، މި އަހަރު ނޭމާ ވަނީ 25 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
އަނިޔާއާ އެކު ވެސް ކްލަބްގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާ ކަމަށް މީޑިއާތަކުން ބުނެފައި ވެ އެވެ. ޓީމު ރެލިގޭޝަންގައި އޮތުމާ އެކު، ޓީމަށް އެހީތެރިވާން ނޭމާ ހުރީ ޑޮކްޓަރުންގެ ނުގަބޫލުގައި ވެސް ކުޅެން ތައްޔާރަށް ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
މީގެ އިތުރުން ސަންޓޯސްގެ ތައީސް މާސެލޯ ޓެކްސޭރާ ވެސް ހުރީ މި ހަފްތާ ބަންދުގައި ސަންޓޯސް ކުޅޭ މެޗުގައި ފެންނާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ނަމަވެސް ކުޅުންތެރިޔާގެ ސިއްހަތަށް ގެއްލުން ވާވަރުގެ ނިންމުމެއް ނުނިންމާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.
ނޭމާ ސަންޓޯސްގައި ކުޅެމުން އަންނަނީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލު ކުރުމުގެ އުންމީދުގަ އެވެ. ނަމަވެސް އަނިޔާތަކާ އެކު، އެ އުންމީދަށް ވެސް މިވަނީ ހިޔަނި އެޅިފަ އެވެ.
މިދިޔަ މެއި މަހު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ކާލޯ އަންޗެލޮޓީ ވެސް އޭނާ ގައުމީ ސްކޮޑަށް ނަގަން ބޭނުންވެ އެވެ. ނަމަވެސް އޭނާ އަށް ވެސް ފުރުސަތު ލިބޭނީ ދަނޑުމަތީގައި ފެންވަރު ސާބިތު ކޮށްދީގެން ކަމަށް އަންޗެލޮޓީ ބުނެފަ އެވެ.
"އޭނާގެ ފެންވަރު ދައްކާލަން އަހަރެން ދޭނަން ހަ މަސް. އޭނާ ގަވާއިދުން ކުޅެން ވާނެ، ފިޒިކަލީ ރަނގަޅަށް ހުންނަން ވާނީ، އެއީ ހުނަރު އެކަނި ހުރެގެން ޒަމާނީ ފުޓްބޯޅައެއް ނުކުޅެވޭނެ،" އަންޗެލޮޓީ ބުނެފައި ވެ އެވެ.
ނޭމާ ފާހަގަވެފައި ވަނީ ވާތް ފަރާތު ވިންގުން ކުޅޭ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް އަނިޔާތަކާ ގުޅިގެން އޭނާ މިހާރު ގިނައިން އަދާކުރަނީ އެޓޭކިން މިޑްފީލްޑް ނުވަތަ ސެންޓަ ފޯވާޑެއްގެ ރޯލެވެ.
އެކަމަކު، އަނިޔާތަކާ ގުޅިގެން ނޭމާ އަށް އަންޗެލޮޓީ ދިން މުއްދަތުގައި ފުރިހަމައަށް ފިޓުވެގެން، ގަވާއިދުން ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ނުބެލެވޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ވޯލްޑް ކަޕް ފެށެން ހަތް މަހަށް ވެފައި ވާއިރު، ބްރެޒިލް އިން މުބާރާތަށް ތައްޔާރު ވާން އަންނަ މާޗު މަހު ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެން ފަށާނެ އެވެ.
އަންޗެލޮޓީގެ ސްކޮޑަށް ނޭމާ ބޭނުންވެފައި ހުރި ވަގުތު ބްރެޒިލްގެ އަރަމުން އަންނަ ޒުވާން ތަރި އެސްޓަވާއޯ ވިލިއަން އަންނަނީ އުންމީދީ ހުނަރުވެރި ކުޅުމެއް ދައްކަމުންނެވެ. އުމުރުން 18 އަހަރުގެ ވިންގާ ވަނީ ސެޕްޓެމްބަރާއި ނޮވެމްބަރާ ދެމެދު ޗެލްސީ އަށް ފަސް ގޯލު ޖަހައިދިނުމުގެ އިތުރުން، އަންޗެލޮޓީގެ ފުރަތަމަ މެޗުގައި ވެސް ބްރެޒިލްގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ. އަދި އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އޭނާ ވަނީ މި އަހަރު ގައުމީ ޓީމަށް ވެސް ފަސް ގޯލު ޖަހައިދީފަ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، އެސްޓަވާއޯ އަކީ ނޭމާއަށް ފަހު، ބްރެޒިލްގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ.