ހަތް މިނިޓް ތެރޭ ހެޓްރިކް ހެދުމަށް ފަހު އެމްބާޕޭ: "ރެއާލްގެ ބޮސް އަށް ރައްކާތެރިވާން ޖެހޭ"
ހަތް މިނިޓް ތެރޭ ހެޓްރިކް ހެދުމަށް ފަހު އެމްބާޕޭ: "ރެއާލްގެ ބޮސް އަށް ރައްކާތެރިވާން ޖެހޭ"

ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އޮލޮންސޯ އަށް ރައްކާތެރިވާން ޖެހޭ ކަމަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގްރީސްގެ އޮލިމްޕިއާކޯސް 4-3 އިން ބަލި ކުރި މެޗަށް ފަހު އެ ޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ހަތް މިނިޓް ތެރޭ ހެޓްރިކް ހެދުމަށް ފަހު އެމްބާޕޭ: "ރެއާލްގެ ބޮސް އަށް ރައްކާތެރިވާން ޖެހޭ"
ހަތް މިނިޓް ތެރޭ ހެޓްރިކް ހެދުމަށް ފަހު އެމްބާޕޭ: "ރެއާލްގެ ބޮސް އަށް ރައްކާތެރިވާން ޖެހޭ"

އެމްބާޕޭގެ އިތުރުން އެ ކްލަބްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ވެސް ވަނީ ކޯޗަށް އެހީތެރިވާން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.

އޮލިމްޕިއާކޯސް މެޗުގެ ކުރިން ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައި ނުވާތީ، ކޯޗު އޮލިންސޯ އަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. މީގެ އިތުރުން އެ ޓީމުގެ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ މި ސީޒަންގައި މިހާތަނަށް ހަތަރު މެޗެއްގައި ބެންޗުގައި ބޭންދުމާ ގުޅިގެން އެކަމާ ވެސް އޭނާއަށް ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި އޮލިމްޕިއާކޯސް ފުރަތަމަ ލީޑު ނެގި ނަމަވެސް އެމްބާޕޭ ވަނީ ފުރަތަމަ ހާފުގައި ހަތް މިނިޓު ތެރޭގައި ހެޓްރިކެއް ހަދައިފަ އެވެ. އަދި ދެވަނަ ހާފުގެ 15 ވަނަ މިނިޓުގައި އެ ޓީމުގެ ހަތަރުވަނަ ގޯލު ވެސް ޖެހީ އޭނާ އެވެ.

ހަ މިނިޓާއި 42 ސިކުންތުގައި ތިން ގޯލު ޖަހައި އެމްބާޕޭ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ދެވަނައަށް އެންމެ އަވަސް ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އެންމެ އަވަސް ހެޓްރިކް ހަދާފައި ވަނީ ލިވަޕޫލަށް ކުޅޭ މުހައްމަދު ސަލާހެވެ. އެއީ އޮކްޓޫބަރު 2022 ގަ އެވެ. ރޭންޖާސް ކޮޅަށް ސަލާހު ހެޓްރިކް ހެދީ، އެމްބާޕޭ އަށް ވުރެ 30 ސިކުންތު އަވަހަށެވެ.

"ބޭރުތެރޭގައި ވަރަށް ފާޑުފާޑުގެ ވާހަކަތައް ދައްކާކަން އެނގޭ. އެއީ އާއްމު ކަމެއް، ރެއާލް މެޑްރިޑަށް ކުޅެންޏާ އެ ކަހަލަ ވާހަކަތައް ދެއްކުމަކީ އާއްމު ކަމެއް. އަހަރެމެނެ ޖެހޭ ކުޅުންތެރިންނާއި ކޯޗާއި ސްޓާފުންނަށް ވެސް ރައްކާތެރިވާން. މި ޓީމުގައި އަހަރެމެން އެންމެން މި ތިބީ އެކުގައި،" އެމްބާޕޭ ބުންޏެވެ.

އޮލިމްޕިއާކޯސް މެޗުގެ ކުރިން ރެއާލް މެޑްރިޑް ވަނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން ބަލިވެ، ލަލީގާގައި ރަޔޯ ވަޔެކާނޯ އާއި އެލްޗޭއާ އެއްވަރު ވެފަ އެވެ. ރަށުން ބޭރުގައި ކުޅުނު މި ތިން މެޗުގައި ވެސް އެމްބާޕޭ އަށް ގޯލެއް ޖެހިފައެއް ނުވެ އެވެ.

"އަހަރެމެން ކޯޗަށް އެހީތެރިވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެންމެ ފުރަތަމަ އެކަން ކުރެވޭނީ މެޗުން މޮޅު ވެގެން. އެންމެ ފަހުން ކުޅުނު ބައެއް މެޗުތަކުގައި އަހަރެންނަށް އެހާ ރަނގަޅަކަށް ނުކުޅެވުނު، އެއީ ހަގީގަތް، އެއީ އަހަރެމެން މޮޅެއް ނުވޭ. ޓީމުގެ މެންޓަލިޓީއަށް ފޯކަސް ކޮށްގެން ކުރިއަށް ދާން ޖެހޭ،" ކަމަވިންގާ ބުންޏެވެ.

ލީގުގެ ދެ މެޗަށް ފަހު ޗެމްޕިއަންސް ލީގުގައި ރެއާލް ދެން ނުކުންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.