28 ނޮވެމްބަރ 2025 - 07:06

ބ. ތުޅާދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތައް ދޫކުރުމުގެ މައްސަލަ ބޮޑުވެ، އެ މަސައްކަތް އެންމެ ފަހުން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް ހައުސިން ޔުނިޓް ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓް ކުރުމާއި ހައުސިން ޔުނިޓް ހަވާލުކުރުމުގެ ހުރިހާ ކަމެއް ހަވާލުކުރީ ތުޅާދޫ ކައުންސިލާ ކަމަށެވެ.
ނަމަވެސް، 100 ހައުސިން ޔުނިޓު ދޫކުރުމަށް ކަނޑައެޅި އުސޫލަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ވެސް ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައި ވަނީ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާއްމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށް ވާތީ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށެވެ.
އެކަމަކު، އޭގެ ފަހުން ވެސް އެކި މައްސަލަތަކާ ހެދި ފްލެޓުތައް ދޫކުރެވޭ ގޮތެއް ނުވެ އެވެ.
- ހުކުމް އިސްތިއުނާފުކުރުމަށް ސެޕްޓެމްބަރު 11، 2024 ގައި ކައުންސިލުން ނިންމި. އެ ހުކުމް މުރާޖައާ ނުކުރަން އޮކްޓޯބަރު 3، 2024 ގައި އެ ކައުންސިލް އިދާރާގެ އާންމު ޖަލްސާއަކުން ނިންމާފައިވޭ. އެ ޔުނިޓުތައް ދޫކުރަން ގެނެސްފައިވަނީ ބާތިލް އިސްލާހުތަކެއް ކަމަށް ކަނޑައަޅާފައިވުމުން، އަލުން އަމަލު ކުރަން ޖެހޭނީ މެއި 11، 2022 ގައި އާއްމުކޮށްފައިވާ އުސޫލަށް ކަމާއި ޖުލައި 21، 2022 ގެ ނިޔަލަށް ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓް ކުރުމަށް ވެސް ތުޅާދޫ ކައުންސިލަށް މިނިސްޓްރީން އެންގި.
- ހައުސިން ޔުނިޓު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި އަދި އުސޫލުގެ ދަށުން ހުށަހަޅާފައިވާ ފޯމުތައް ކަށަވަރު ކުރުމުގައި އެއްހަމައަކުން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ކޯޓަށް އެކި މީހުން ދައުވާތައް ހުށަހަޅާފައިވޭ.
މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނީ ކޯޓަށް ހުށަހެޅި މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފޯމުތައް އިވެލުއޭޓް ކުރުމުގައި ތުޅާދޫ ކައުންސިލުން އަމަލު ކޮށްފައިވަނީ މެއި 11، 2022 ވަނަ ދުވަހު އާއްމުކޮށްފައިވާ އުސޫލާއި މިނިސްޓްރީގެ އުސޫލުގެ މާއްދާތަކަށް އަމަލުކުރުމުގައި ރިއާޔަތް ކުރުމަށް އަންގާފައިވާ ކަންކަމާ ހިލާފަށް ކަމަށެވެ.
އެހެންވެ، ވީ އެންމެ އަވަހަކަށް ހައުސިން ޔުނިޓްތަކުގެ ހައްގުވެރިންނަށް ހަވާލުކުރަން ސެޕްޓެމްބަރު 18، 2025 ގައި އިއުލާނުކޮށްފައިވާ ދާއިމީ ލިސްޓު ބާތިލުކުރުމަށް ފަހު، މެއި 11، 2022 ގައި އާންމު ކޮށްފައިވާ އުސޫލު އަދި ހައުސިން މިނިސްޓްރީން އޭރު ކަނޑައެޅި އުސޫލުތަކަށް ރިއާޔަތްކޮށް، ފޯމުތައް ރީ-އިވެލުއޭޓްކޮށް، މިނިސްޓްރީ އަށް އަންގަން ތުޅާދޫ ކައުންސިލަށް ހުށަހެޅި އެވެ. އެކަމަކު، އެ ކައުންސިލް އިދާރާ އިން އެ މައްސަލަ ހައްލުކުރަން އެއްބާރުލުން ނުދިން ކަަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
"...މި މައްސަލައަށް އެއްވެސް ހައްލެއް ބ. ތުޅާދޫ ކައުންސިލުގެ އިދާރާއިން ހުށަހަޅާފައި ނުވާ ކަމާއި އަދި އުސޫލާ ހިލާފަށް ފޯމުތައް އިވެލުއޭޓް ކޮށްފައި ވުމުގެ ސަބަބުން ހައުސިން ޔުނިޓުތައް އެއްވެސް ފަރާތަކަށް ދޫނުކުރެވި ލަސްވާ ލަސްވުމަކީ ދެންނެވުނު ސަރުކާރުގެ އަމާޒަށާއި ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ހުރަހެއްކަން މި މިނިސްޓްރީން ދެކެމެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
"މީގެ އިތުރުން، އެ ޔުނިޓުތައް ލިބެން ޖެހޭ ފަރާތްތަކުގެ ހައްގު ގެއްލިގެން ދާނެ ކަމެއް ކަމާއި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތައް ބޭނުން ނުކުރެވި ގިނަ ދުވަސްވާ ނަމަ އިމާރާތަށް ގެއްލުން ލިބި އެ ތަނުގައި ހުރި ތަކެތި ހަލާކުވުމުގެ މައްސަލަތައް ދިމާވުމާއި އޭގެ ސަބަބުން ޔުނިޓުތައް ހަވާލުކުރުމުގެ ކުރިން އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ވެސް ގިނަ ހަރަދުތަކެއް ހިނގާނެ ކަމާއި އެއީ ދައުލަތަށް ލިބެމުންދާ އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއްކަން ފާހަގަކުރަމެވެ."
އެހެންވެ، ހައުސިން ޔުނިޓުތައް ދޫކުރުމުގެ ހުރިހާ ކަމެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރީ ކަމަށް ބުންޏެވެ.
އެހެންވެ، ހައުސިން ޔުނިޓުތައް ދޫކުރުމުގެ ހުރިހާ ކަމެއް ދެން ހައުސިން މިނިސްޓްރީން ކުރަން އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
"ބ. ތުޅާދޫގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓު ދޫކުރުމުގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ މި މިނިސްޓްރީން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ އުސޫލާ އެއްގޮތަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކަމާއި ފޯމުތައް އިވެލުއޭޓް ކުރުމާއި ހައުސިން ޔުނިޓް ހަވާލުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދާނީ މި މިނިސްޓްރީން ކަމުގައި ދަންނަވަމެވެ. އެގޮތުން، އެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި މިނިސްޓްރީން ފަށާފައިވާ ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
ސަރުކާރުން ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން އޭރު ހަވާލުކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ޖުލައި، 2019 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 79.6 މިލިއަން ރުފިޔާއަށެވެ.
އެ ރަށުގައި އިމާރާތް ކުރީ 1،100 އަކަފޫޓުގެ ހަައުސިން ޔުނިޓްތަކެކެވެ. އެ އިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ބައެއް ހުރެ އެވެ.