27 ނޮވެމްބަރ 2025 - 22:37

ބޭ އޮފް ބެންގަލްގައި ސްރީ ލަންކާ ކައިރިން އުފެދުނު ޑީޕް ޑިޕްރެޝަންގެ ބާރު ގަދަވެ "ސައިކްލޯނިކް ސްޓޯމް" ނުވަތަ ތޫފާނީ ކޮޅިގަނޑަކަށް ބަދަލުވުމާ އެކު، މިހާރު ވެސް މޫސުން ގޯސްވެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ލަންކާ ކުއްލި ހާލަތަށް ހިނގައްޖެ އެވެ.

"ދީތުވާ" ގެ ނަން ދީފައިވާ ސައިކްލޯނިކް ސްޓޯމް ލަންކާއަށް މިރޭ އަރާނެ ކަމަށް ބެލެވޭއިރު ގަދަ ވަޔާ އެކު އާދަޔާ ހިލާފަށް ގިނައިން ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ. މި ވަގުތު ތޫފާނު އޮތީ ލަންކާގެ ބަޓިކަލޯއާއާ 20 ކިލޯމީޓަރު ދުރުގަ އެވެ.
މި ތޫފާނު އިންޑިއާގެ ޓެމިލް ނާޑޫ، ޕުޑުޗެރީ އަދި އަންދްރަޕްރެދޭޝް އަށް ވެސް މި ހަފްތާ ބަންދު ތެރޭ އަރާނެ ކަމަށް ބެލެވެ އެވެ.
ތޫފާނުތަކަށް ނަން ދިނުމުގައި ގެންގުޅޭ، ގައުމުތަކުން ހުށަހަޅާ ނަން ލިސްޓަކަށް ބަލައިގެން ނަން އުސޫލުގެ ދަށުން މިއީ ޔަމަނުން ދީފައިވާ ނަމެކެވެ. ޔަމަނުން މި ނަން ދީފައި ވަނީ ސޮކޮޓްރާ އައިލެންޑްގެ ދީތުވާ ފަޅަށް ނިސްބަތްކޮށެވެ. މިއީ ޔަމަނުގެ އައްސޭރިފަށާއި ކަނޑުގެ ތަރިކަ ރަމްޒުކޮށްދޭ ނަމެކެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ނެރުނު އިރުޝާދުގައި ބުނެފައިވާ ގޮތުން ބައެއް ހިސާބުތަކަށް 200 މިލިމީޓަރުގެ ވާރޭ ވެހުން އެކަށީގެންވެ އެވެ. އެންމެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދު އުތުރު، މެދު، ހުޅަނގު އުތުރު އަދި ޓްރިންކޮމަލީ އަށެވެ. އަދި ސަބަރަގަމުވާ އާއި ހުޅަނގުގެ ޕްރޮވިންސްތަކާއި ބަޑުއްލާ އާއި ބަޓިކަލޯއާ ޑިސްޓްރިކްޓްތަކަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެހެން ހިސާބުތަކަށް ވެސް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު ގަދަޔަށް ގުގުރައި ވިދުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި 80 ކިލޯމީޓަރާ ހަމަޔަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މިއަދު ހަވީރު ބުނެފައިވާ ގޮތުގައި، މި ތޫފާން 48 ގަޑިއިރުގެ ތެރޭގައި ސްރީ ލަންކާގެ އިރުމަތީ އައްސޭރިފަށާ އަރާ ހަމަވާނެ ކަމަށް ލަފާކުރެވެ އެވެ. އިންޑިއާގެ މީޓިއޮރޮލޮޖިސްޓުން ލަފާކުރާ ގޮތުގައި ނޮވެމްބަރު 30 ގެ ކުރިން އެ ތޫފާން އުތުރު ޓެމިލް ނާޑޫ، ޕުޑިޗެރީ އަދި ދެކުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް ފޯރާނެ އެވެ.
ތޫފާނު ދަތުކުރަނީ ލަންކާއާ ދިމާލަށް ކަމަށް ވިޔަސް އެއީ ރާއްޖެއާވީ ފަޅި ނޫން އަނެއް ފަޅި އެވެ.
ލަންކާއިން މިހާރު ވަނީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައި ސްކޫލްތައް ވެސް ބަންދުކޮށްފަ އެވެ. އަދި އާންމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް ވެސް މެދުކަނޑާލާފައި ވާއިރު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ނުޖެއްސޭ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އެކަމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓަށް ނުޖެއްސިއްޖެ ނަމަ ހުރިހާ ފްލައިޓެއް އިންޑިއާގެ ޓްރިވެންޑްރަމް ނުވަތަ ކޮޗިން އެއާޕޯޓަށް ރީޑައިރެކްޓް ކުރާނެ ކަމަށް މިނިސްޓަ އޮފް ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން އަނޫރާ ކަރުނަތިލަކަ ވަނީ ވިދާޅުވެފަ އެވެ.
ސްރީ ލަންކާއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށް، މި ވިއްސާރައިގެ ސަބަބުން ނުރައްކަލެއް ދިމާވެއްޖެ ނަމަ އިމަޖެންސީގައު ގުޅުމަށް 1912 ހޮޓްލައިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއީ 24 ގަޑިއިރު ހިދުމަތް ލިބޭ ހޮޓްލައިނެއް ކަމަށާއި ޓޫރިސްޓު ޕޮލިހާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެހީތެރިކަން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މޫސުމީ ހާދިސާތައް ގިނަ ނުރައްކާ ހާލަތެއްގައި އޮތް ލަންކާގެ އެކި ހިސާބުތަކުން ދަނީ ކަރަންޓު ވެސް ކެނޑެމުންނެވެ.
މި ހަފްތާ ފެށުނީންސުރެ ލަންކާއަށް މޫސުން ގޯސްވެފައި ވާއިރު މޫސުމީ އެކި ހާދިސާތަކުގައި މި ހަފްތާ ތެރޭ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށް އަރައިފަ އެވެ. އަދި ހާހަކަށް ވުރެ ގިނާ އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭންޖެހޭ ހާލަތަށް ވެސް ގޮސްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ.