އަރަބިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅާލަން ފަށައިފި
އަރަބިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅާލަން ފަށައިފި

އަރަބިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ އެ އިމާރާތް ތަޅާލަނީ މީހުން ބޭނުންކުރުން ރައްކާތެރި ހާލަތެއްގައި ހުރި ތަނަކަށް ނުވާތީ ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ އެ އިމާރާތް ތަޅާލައި އެ ބިމުގައި ޕާކިން ޒޯނަކާއި ޕާކެއް ހަދާށެވެ.

މައްޗަންގޮޅި ރައްޔިތުންނާ އެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާތްގަނޑަކަށް 11،000 އަކަފޫޓުގެ އެ ބިމުގައި ޕާކެއް ހެދުމުން، ކައިރި ސްކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާކު ތަރައްގީކުރާނީ ދަރިވަރުން ބަލާ ސްކޫލު ދޮށަށް ދާ ބެލެނިވެރިންނަށް ވެސް ތިބެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އަންނަ ރޯދަ މަސް ފެށުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށެވެ.

މީގެ 12 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އެ އިމާރާތުގެ ތަނބުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ. އެހެންވެ އެ އިމާރާތަކީ ދަރިވަރުން ބޭނުންކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ޖެނުއަރީ 2023 ގައި ވަނީ ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން އެ ތަން ބޭނުންކުރީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ. ނަމަވެސް، އެ ހުރިހާ ތަނެއް މިހާރު ވަނީ ހުސްކޮށްފަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން އަންނަނީ ބާވެ، ބޭނުން ނުކުރެވޭ ހާލަތްތަކުގައި ހުރި އިމާރާތްތައް ތަޅާލަމުންނެވެ. މއ. ރަބީއުވިލާ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ވެސް ވަނީ ތަޅާލައިފަ އެވެ. މާލޭގައި ކްރިމިނަލް ކޯޓު އެންމެ ފަހުން ހިންގި އިމާރާތް ވެސް ވަރަށް އަވަހަށް ތަޅާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.