27 ނޮވެމްބަރ 2025 - 21:10

މަތީ ސާނަވީ އަށް ވޮކޭޝަނަލް ތައުލީމު ދިނުމަށް ހާއްސަކުރި ފުރަތަމަ ސްކޫލު، 60 ދަރިވަރުންނާ އެކު މިއަދު ހުޅުވައިފި އެވެ.

ޕޮލިޓެކްނިކްގައި ގާއިމްކުރި ސްކޫލު ހުޅުއްވައި ދެއްވީ، އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެ ސްކޫލުން ޖާގަ ދީފައިވަނީ މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވުން ނިންމާ ދަރިވަރުންނަށް، ޔުނިވާސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޯސް ނިންމުމަށް ފަހު ވަޒީފާ އަށް ދިއުމަށް އިހުތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ސްކޫލުގައި ފުރަތަމަ ކިޔަވައިދޭނީ ފަސް ޕްރޮގްރާމެވެ. އެއް ދަންފަޅިއަށް ކުރިއަށް ގެންދާ ވޮކޭޝަނަލް ހައި ސްކޫލުގައި އިސްލާމް އަދި ދިވެހި މާއްދާ ވެސް ކިޔަވައިދޭނެ އެވެ. އެ ޕްރޮގްރާމްތަކާއި މާއްދާތަކުން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ ދަރިވަރުންނަށް މީގެ ކުރިން ފަހިކޮށްދީފައި އޮތީ އެކަޑެމިކް ޕާތުވޭ އެކަނި ކަމަށެވެ. އޭގެ ސަބަބުން، ނަތީޖާ ދަށް ކުދިންނަށް ސްކޫލު މާހައުލެއްގައި ކުރިއަށް ދިއުމަށް ދަތިވާކަން ފާހަގަކުރެއްވި އެވެ.
އެއާ ހިލާފަށް، ވޮކޭޝަނަލް ވާތުވޭ ފަހިކޮށްދިނުމުން، އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ހުޅުވި ވޮކޭޝަނަލް ސްކޫލަށް ފަހު، ރަށްރަށަށް އެ ތައުލީމް ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން، ތައުލީމް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާގައި ރ. އަލިފުށީގައި އެ ތަމްރީނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އޭރުން އެ ތަނުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.