27 ނޮވެމްބަރ 2025 - 19:52

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމުގެ ފަހަތުގައި އޮތީ ސަރުކާރުގެ ހަރުދަނާ ފިސްކަލް ސިޔާސަތުތަކާއި ފިޔަވަޅުތައް ކަމަށާއި އެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރީ މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖެ އިން ތަންފީޒު ކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވުމުން ކަމަށް ބުނެފައި ވެ އެވެ.
އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ވެސް ފެންނަން ފެށުމުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް، ޑޮލަރުގެ އާމްދަނީ އިތުރުކޮށް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ހަރުދަނާކޮށް، ޒިންމާދާރު ކަމާއެކު ބަޖެޓު މެނޭޖުކުރުމުގެ ސަބަބުން ބޭރުގެ ޕްރެޝަރުތައް ލުއިވެ، އިގްތިސާދީ މިސްރާބަށް އަލުން އިތުބާރު އުފެއްދުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒު ހުރީ، މާލީ އަދި ފިސްކަލް ހާލަތު ރަނގަޅުކޮށް، އެއްބައިވަންތަކުރުމާއި ޒިންމާދާރުކަމާއެކު ދަރަނި ބެލެހެއްޓުމާ އެކު ރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުން،" އޭނާ ވިދާޅުވި އެވެ.
މޫޑީޒް އިން ނެރުނު ބަޔާނުގައި، ރޭޓިން އަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒު ކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މި ސިޔާސަތުތަކާ އެކު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެ އެވެ. އަދި އެ އިދާރާގެ ބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ހަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފަ އެވެ.
ކްރެޑިޓް އައުޓްލުކަށް ކުރިއެރުމެއް ލިބިފައިވިޔަސް، އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏާ ގުޅިގެން ފިސްކަލް ހާލަތާ މެދު މޫޑީސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ބޭރުގެ ދަރަނީގެ އިތުރުން، ކުރު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް އެތެރޭގެ ދަރަނި އިތުރުވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން، ޖީޑީޕީގެ ނިސްބަތުން އެފަދަ ދަރަނި 40 ޕަސެންޓަށް މިހާރު ވެސް އަރާފައިވާ ކަމަށް އެ ބަޔާނުގައި މޫޑީސްއިން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާއަށް ވުރެ، ދިވެހި ރުފިޔާގެ އަދަދު އިތުރުވަމުންދާ ދިއުމާ މެދު ވެސް މޫޑީސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.