27 ނޮވެމްބަރ 2025 - 14:28

ހަނީމޫނަށް، ރާއްޖެއަށް އަލަށް އައި ބެތަނީ ސާރާ ކާސްވެލް މި އަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓަށްވެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ބެތަނީ ސާރާ ކާސްވެލް، 30، ފިރިމީހާއާ އެކު ހަނީމޫން ހޭދަކުރަނީ އައުޓްޓްރިގާ މާފުށިވަރު ރިސޯޓުގަ އެވެ.
ވިޒިޓް މޯލްޑިވްސް އިން އޭނާއަށް މަރުހަބާ ކީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާ އެކު އެވެ. އަދި އެކަން ފާހަގަކުރުމުގެ ގޮތުން އޭނާއަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ސްޓޭންޑަޑް މޯލްޑިވްސް ރިސޯޓުގެ ހަފްތާއެއްގެ ޗުއްޓީއެއް ހިމެނެ އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 177،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ދެ މިލިއަން ވަނަ ޓޫރިސްޓު ހަމަވީ ޑިސެމްބަރު 26 ގަ އެވެ. މި އަހަރު އެ އަދަދު ހަމަވީ އޭގެ އެއް މަސްކުރިންނެވެ.
ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މިހާރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެފަ އެވެ.
ސަރުކާރުގެ މިއަހަރުގެ ފުރަތަމަ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަމަކު އެ އަދަދު ރިވައިޒްކޮށް ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.