އިސްތިއުނާފް މައްސަލަ ބަލަން އިންނެވީ އަމުރު ނެރުއްވި ފަނޑިޔާރު
އިސްތިއުނާފް މައްސަލަ ބަލަން އިންނެވީ އަމުރު ނެރުއްވި ފަނޑިޔާރު

ސެންޓަ އެންޓަ ޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވި މައްސަލާގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވީ ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރެއްކަން އެނގުމުން ޝަރީއަތް މެދުކަނޑާލައިފި އެވެ.

ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން މިދިޔަ މެއި މަހު ހައި ކޯޓުން ހުއްޓުވިއިރު، އެ އަމުރު އެ ކޯޓުން ނެރުއްވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.

އޭގެފަހުން ފަނޑިޔާރު ސަލީމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.

ހައި ކޯޓުގެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި މިއަދު ޝަރީއަތް ފެށިއިރު، ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު އަލީ ރަޝީދެވެ.

ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަމުން ދަނިކޮށް ފަނޑިޔާރު ސަލީމް ވަނީ ދައުލަތުގެ ވާހަކަތައް ހުއްޓުވައިފަ އެވެ. އަދި ފަނޑިޔާރު ޝުޖޫންއާ މަޝްވަރާ ކުރެއްވި އެވެ. އޭގެ އިރުކޮޅެއް ފަހުން ފަނޑިޔާރު ސަލީމް ވިދާޅުވީ މައްސަލައިގެ ހިމެނޭ ފަރާތްތަކުގެ ސަމާލު ކަމަށް އިޖްރާއީ ކަމެއް ގެންނަވާ ކަމަށެވެ.

އެއީ، މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރަކީ އިސްތިއުނާފް ކޮށްފައިވާ އަމުރު ނެރުމުގައި ބައިވެރިވި ފަނޑިޔާރެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ގޮތެއް ނިންމަން ޝަރީއަތް މިއަދަށް ނިންމާލާ ކަމަށް ފަނޑިޔާރު އިއުލާން ކުރެއްވި އެވެ.

ސެންޓަ އެންޓަ ޕްރައިސަސްއަށް އެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމް އައީ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ވަނީ ދައުވާ ކުރުމުންނެވެ.

އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. އެހެންވެ، ހައި ކޯޓުން އޭރު އެންގީ އިސްތިއުނާފް ނިމެންދެން އެ ފައިސާ ސިވިލް ކޯޓުގައި ދޫނުކޮށް ބެހެއްޓުމަށެވެ.

އެ މައްސަލާގެ އަޑުއެހުމުގައި ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް ފެންމަތިވިއިރު، ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ފޭކް އިންވޮއިސްއެއް ހުށަހަޅާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެކަން ހާމަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަކުންނެވެ.

އެ މައްސަލަ މިހާރު ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.