ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވުމުން ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި
ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވުމުން ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުން، އޭނާ ތިން މަސް ދުވަހަށް ސަސްޕެންޑުކުރަން އެލްޖީއޭއިން މިއަދު ނިންމައިފި އެވެ.

އެ ކައުންސިލް އިދާރާގައި މަސައްކަތްކުރި އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ޓްރައިބިއުނަލުން ނިންމީ ސެޕްޓެމްބަރު 21، 2025 ގަ އެވެ. އެއާ އެކު، އެލްޖީއޭއިން އިންކުއަރީއެއް ހަދައި އެ އަށް ޖަވާބުދާރީ ވުމަށް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ އިންކުއަރީން ފާހަގަވި ކަންކަން މިއަދު ވަނީ އާއްމުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އެލްޖީއޭއީން ނެރުނު ބަޔާނެއްގައި ބުނީ ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅުމުން ގާނޫނުން ކައުންސިލްގެ ރައީސްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފުވެފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާ އެކު، ހާސިލްކުރަން އިހުލާސްތެރިކަމާއި ވަފާތެރިކަންމަތީގައި މަސައްކަތްކުރާ ބަޔަކަށް ވުމާއި އަދި ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކުރިއަސް ޝާހުގެ ކިބައިން ފެނުނު އަމަލުތައް އެ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުންޏެވެ.

- ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުމާއި އެ އިން ކަމަކަށް ބުރޫއަރާ ފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭ ފަދަ އަމަލެއް ކުރުން ކަމަށް ބަޔާން ކޮށްފައިވޭ. ފެރިދޫ ކައުންސިލުގެ ރައީސްގެ އަމަލު އެ ގާނޫނާ ހިލާފަށް އަމަލުކުރިކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވުން.

- އިންކުއަރީ އަށް ޖަވާބުދާރީވުމަށް ޝާހުއަށް ދިން ފުރުސަތުގައި ދެއްވި ޖަވާބުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހެއްކާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ފާހަގަކުރިއަސް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފެއް ނުކުރޭ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އެސިސްޓެންޓް ކައުންސިލް އޮފިސަރާއި ޝާހުގެ ފަރާތުން ހުށަހެޅި ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތައް އަދި ހެކި ބަހަށް ބަލާއިރު ޝާހު ޖިންސީ ފުރައްސާރަ ކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އަދި އެސިސްޓެންޓް ކައުންސިލް އޮފިސަރާ މެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރު ނުކުރުމަށް ޝާހުގެ މައްޗަށް އަންގައި އަމުރު ކޮށްފައިވެ އެވެ.

އެއާއެކު، އެލްޖީއޭގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ޝާހު ތިން މަސް ދުވަހަށް ސަސްޕެންޑުކުރަން ނިންމައިފަ އެވެ.