27 ނޮވެމްބަރ 2025 - 13:30

ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދައުލަތުން މަހަކު 175،000ރ ދިނުން ހުއްޓާލުމާއި އެ ބޭފުޅުންގެ އިނާޔަތްތައް ކުޑަކުރުމާއި އެ ނޫން ވެސް ބައެއް ބަދަލުތައް ގާނޫނަށް ގެންނަން ސަރުކަރުން ހުށަހެޅި ބިލުގެ ބަހުސްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްެރާހީމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ ބިލަށް މަޖިލީހުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށާއި އެއީ ގައުމަށް ވަރަށް ބޮޑު ހިދުމަތެއް ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އޭނާ ތުހުމަތު ކުރެއްވީ ބައެއް ރައީސުން ވެރިކަން ކުރެއްވި އިރު ދައުލަތުގެ ހަޒާނާ އިން ވަރަށް ގިނަ އަދަދެއްގެ "ފައިސާ ނަންގަވައިގެން" ވަރަށް ބޮޑެތި ގެތައް އަޅުއްވާފައި އެބަހުރި ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި އެ ގޭގޭގައި ވެސް މި އިނާޔަތް ނުދިން ކަމުގައި ވިޔަސް އޮފީސް ހިންގުމަކީ ހަމަ ދައުލަތުން ފައިސާ ދީގެން އޮފީސް ހިންގުން ކަމަށް ރައްޔިތުންނަަށް ބެލެވެނީ،" ފަލާހު ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޔާމީންގެ ގެކޮޅުގައި "ސިޔާސީ" މަސައްކަތްތައް ކުރައްވާ ނަމަ އެ ކަން ޔާމީން ކުރައްވަނީ ދައުލަތުން "ފައިސާ ލިބިގެން" ނެވެ. އަދި އެއީ "ނުހައްގު" ފައިސާގެ އިމާރާތެއް ކަމުގެ ތުހުމަތު ވެސް ޔާމީންގެ ބޮލުގައި ފަލާހު އެޅުވި އެވެ.
ހެންވޭރުކޮޅުގައި ހުންނަ ޔާމީންގެ "ދޫވެހި" ގެއަކީ އަލިކިލޭގެފާނު މަގުގައި ހުރި ޔާމީންގެ ކުރީގެ ގޯއްޗާ ލާޖައްސައިގެން ހޯއްދެވި ގެކޮޅެކެވެ. ލާޖައްސައިގެން ދެ ގޯތި ބަދަލުކުރުމަށް ފަހު، އެ މަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ގެކޮޅު އިމާރަތްކުރަން ފެށި އެވެ. މިހާރު އެ ގެކޮޅުގެ މަސައްކަތް ނިމިފައިވާއިރު، ޔާމީން ދިރިއުޅުއްވަނީ ވެސް އަދި ޕާޓީގެ ހަރަކާތްތައް ހިންގަނީ ވެސް އެ ގެކޮޅުގަ އެވެ.
ފަލާހު މިއަދު ވިދާޅުވީ ރާއްޖޭގައި ތިއްބެވީ ކުރީގެ ފަސް ރައީސުން ކަމަށް ވުމުން ވަކި ބޭފުޅެއްގެ ނަން އޭނާގެ ވާހަކައިގައި ނުގެނައި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން "މި ވަރަށް ދެންނެވީމާ އެނގޭނެ" ކަަމަށެވެ.
މިއަދު ބަހުސްކުރި ބިލުގައި ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އަނެއް ބަދަލަކީ ކުރީގެ ނައިބު ރައީސުންނަނަށް ދައުލަތުން ކޮންމެ މަހަކު 25،000ރ. ދިނުމެވެ. އެ އިސްލާހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަައިގައި ވެސް ސީދާ ގޮތެއްގައި ޔާމީނަށް ފަލާހު ފާޑުވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ތިން ނައިބު ރައީސުން ގެންނަން ޖެހުނީ ފަލާހު ވިދާޅުވި ގޮތުގައި "އިތުބާރުގެ މައްސަލަ" އަކުންނެވެ.
ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކިކުރަން ޖެހުނީ ވެރިކަން ވައްޓާލަން އުޅުއްވުމުން ކަމަށް ޔާމީނު އޭރު ވިދާޅުވި ކަމަށާއި މިހާރު އެކަމަކު އެއީ ދޮގުކަން އެނގިވަޑައިގަންނަވާ ކަމަށަށް ފަލާހު ވިދާޅުވި އެވެ.
"ސިޔާސީ މަސައްކަތުގައި އެހާ ކައިރީގައި، މައިކާ ކައިރީގައި ތިއްބަވާނީ އެެއީ ދޮގު ކަމަށް ވާތީ ކަަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޔާމީނާއި ޖަމީލް މިހާރު ސިޔާސީ މަސައްކަތްތަކުގައި އެކުގައި އުޅުއްވާތީ އެ ކަމަށް އިޝާރާތް ކުރައްވަމުން ފަލާހު ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ ތެރެއިން ޔާމީނަށް ފާޑުވިދާޅުވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަލާހު ތައުރީފު ކުރެއްވި އެވެ. މައުމޫން، ކުރީގެ ރައީސްގެ އޮފީސް ހިންގަވަނީ ވަރަށް ޒިންމާދާރުކޮށް ކަމަށާއި ރަައީސްގެ މަގާމަށް ފަހު ވެސް ނަޝީދު ގައުމަށް ބޮޑެތި ހިދުމަތްތައް ކޮށްދެއްވަމުން ގެންދަވާ ކަމަށް ފަލާހު ވިދާޅުވި އެވެ.