27 ނޮވެމްބަރ 2025 - 11:26

ޓްރެފިކްގެ ގާނޫނުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ މަތިވެއްޖެ ނަމަ، އެ އުޅަނދެއް ބޫޓްކޮށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މިހާރު އޮތް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އެއްކޮށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލުގައި އެއްގަމު ދަތުރުފަތުރާއި އުޅަނދުތަކާ ބެހޭ ހުރިހާ އުސޫލުތަކެއް ހިމަނާފައިވެ އެވެ. މިއީ މިހާ ތަފްސީލްކޮށް މި ކަންކަން ބަޔާންކޮށް ހަދާ ފުރަތަމަ ގާނޫނެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި އަލަށް ހަދާ ގާނޫނާއި އޭގެ ދަށުން ހަދާ ގަވައިދާ ހިލާފުވުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރަންދެން، އެ ޖޫރިމަނާއާ ގުޅޭ އުޅަނދު ފުލުހުން ބޫޓް ކުރަން ވާނެ ކަމަށެވެ.
އުޅަނދެއް ބޫޓްކުރުމަކީ ޕާކްކޮށްފައިވާ އުޅަނދެއްގެ ފުރޮޅުގައި ނުވަތަ ޓަޔަރުގައި ނުވަތަ އުޅަނދުގެ އެހެން ބަޔެއްގައި އުޅަނދު ދުއްވުން މަނާކުރުމަށްޓަކައި ޓްރެކްކުރެވޭ ގޮތަށް ވަކި ކޯޑެއް ޖަހައިގެން ނައްޓާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރޯމެކޭނިކަލް އާލާތެއް ހަރުކުރުމެވެ.
އުޅަނދެއް ބޫޓްކުރާތާ 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އެ އުޅަނދު އޭގެ ވެރިފަރާތަށް އަނބުރާ ދޫކުރެވޭނީ ޖޫރިމަނާ ދައްކައި ނިންމުމުން ނުވަތަ އެ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމުންނެވެ.
ޓްރެފިކް ޖޫރިމަނާ ނުދައްކައިގެން އުޅަނދު ޓޯކުރުމަކީ މިހާރު އަމަލުކުރަމުންދާ އުސޫލެއް ނޫނެވެ.
މީގެ އިތުރުން ވެސް އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތައް ބިލުގައި ބަޔާންކުރެ އެވެ. އެއީ:
● ގަަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދު
● އުޅަނދެއް ޓޯކުރެވިދާނެ ކަމަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ އެހެން ހާލަތްތައް
ފުލުހުން ހިފަހައްޓާ އުޅަނދަކާ އޭގެ ވެރިފަރާތުން ހަވާލު ނުވެ އެއް މަސް ވެއްޖެ ނަމަ، އެ އުޅަނދުގެ މައުލޫމާތު ގެޒެޓްކޮށް ފުލުހުން އެކަން އާންމުކުރަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އޭގެ ފަހުން 60 ދުވަހުގެ މުހުލަތެއް ވެރިފަރާތަށް ދޭން ޖެހެ އެވެ.
އެ މުއްދަތުގައި އުޅަނދު ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ، އުޅަނދު ނައްތާލުން ނުވަތަ ނީލަން ކިޔުމުގެ އިހްތިޔާރު ފުލުހުންނަށް ލިބެ އެވެ.
ބިލުގައިވާ ގޮތުން ގާނޫނުގެ ދަށުން ނަގާ ފީތަކާއި ޖޫރިމަނާތަކާއި ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށަށް ނަގާ އުޅަނދު ނީލަން ކިޔައިގެން ލިބޭ ފައިސާ އަދި އެ ނޫން ވެސް އާމްދަނީ ޖަމާކުރަން ޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
އަލަށް އެކުލަވާ އެއްގަމު އުޅަނދުގެ ގާނޫނުގެ ބިލުގައިވާ ގޮތުން ގަވައިދާ ހިލާފަށް ޕާކް ކުރާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޑީމެރިޓް ޕޮއިންޓް އުޅަނދުގައި ހަރުކުރާނެ އެވެ.
ކަފިހުރަހެއް މަތީ ޕާކްކޮށްފައިވާ ނަމަ، އެ ކުރާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ތަނެއްގައި ޕާކްކޮށްފި ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ގާނޫނުގެ ދަށުން ލައިސަންސް ޑީމެރިޓް ސިސްޓަމެއް ގާއިމް ކުރަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. މިއީ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރުމުން ލައިސެންސްއިން ޕޮއިންޓް ޑީމެރިޓް ކުރަން ޖެހޭ ސިސްޓަމެކެވެ. ލައިސެންސްގައި، ގަަވައިދުގައި ބުނާ އަދަދުގެ ޑީމެރިޓް ރެކޯޑްކޮށްފި ނަމަ، ފިޔަވަޅުތައް އަޅަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ. އެއީ ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަކޮށް އެ ޕްރޮގްރާމް ފާސްވަންދެން އެ ފަރާތެއްގެ ލައިސެންސް ހިފެހެއްޓުމާއި ވަކި މުއްދަތަކަށް ލައިންސެންސް ބާތިލްކުރުމެވެ.