27 ނޮވެމްބަރ 2025 - 10:17

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ސަރުކާރުން މިދިޔަ މަހު ގެނައި ބަދަލާ މެދު ހިތްހަމަނުޖެހި ހައި ކޯޓުގެ މުވައްޒަފުން ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހިނގައްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައިކޯޓުގައި މަސައްކަތްކުރާ ފަންސާހަކަށް މުވައްޒަފުން މިވަގުތު ވެސް ތިބީ ޑީޖޭއޭގަ އެވެ.
އެ ކޯޓުގެ މުވައްޒަފުން އެތަނަށް ގޮސްފައި ވަނީ މުސާރައިގެ މައްސަލާގައި ޑީޖޭއޭގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާއާ ބައްދަލުކުރާށެވެ. އަދި އޭނާއާ ބައްދަލުވި ކަމެއް ނޭނގެ އެވެ.
މުސާރައަށް ގެނައި ބަދަލުތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އޮފީހަށް ދިޔައީ ވެސް ކަޅު ހެދުމުގަ އެވެ. އެ އިހުތިޖާޖުގައި ހައި ކޯޓާއި ޑްރަގް ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
އެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް އަންގާރަ ދުވަހު ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ މުސާރައިގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
އެ ޕެޓިޝަނުގައި ފާހަގަކުރާ ކަންކަމުގެ ތެރޭގައި ސަލާމާއި އެހެނިހެން ޗުއްޓީ ނެގުމަކީ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު ހާޒިރީ އެލަވެންސް ދިނުމަށް އާ ޕޭ ފުރޭމްވޯކްގައި ކަނޑައަޅާފައިވާގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވެގެން ޗުއްޓީއެއް ނަގައިފި ނަމަ ލިބޭ މުސާރަ ކުޑަވުމާއި ދައުލަތުގެ ބައެއް އިދާރާތަކުން މުވައްޒަފުން ހާސިލުކޮށްފައިވާ ސެޓްފިކެޓަށް ރިއާޔަތްކޮށް މަތީ ރޭންކަކަށް މުވައްޒަފުން ހިޖުރަކޮށްދީފައި ވާއިރު ޖުޑީޝަރީގައި މިފަދަ ފުރުސަތެއް ފަހިވެފައި ނެތުމުގެ ކަންބޮޑުވުން ހިމެނެ އެވެ.
ޕެޓިޝަނުގައި ބުނީ ސެކިއުރިޓީ ސްޓާފުން ހޮނިހިރު ދުވަހު ކުރާ ޑިއުޓީއަށް ކުރިން ލިބެމުން އައި ބަންދު ދުވަހުގެ އެލަވަންސާއި އިތުރު ގަޑި އުނިކޮށްފައިވާ ކަމަށާއި އެހެންކަމުން، އެފަރާތްތަކުން އެހެން މުވައްޒަފުންނާއި ހިލާފަށް ރަސްމީ ހަ ދުވަހު މަސައްކަތް ކުރަންޖެހޭއިރު އިތުރަށް މަސައްކަތްކުރާ ދުވަހަށް އެއްވެސް އިނާޔަތެއް އިތުރުނުވާ ކަމަށެވެ. އަދި މުސާރައިގެ ކުރިއެރުން ދިނުމުގައި ހުރިހާ މަގާމުތަކަކަށް އެއް ހަމައަކުން މުސާރައިގެ ކުރިއެރުން ދީފައިނުވާ މައްސަލަ ހިމެނޭ ގޮތަށް އިތުރު ކަންބޮޑުވުންތަކެއް ވެސް އެ ޕެޓިޝަނުގައި ހިމެނެ އެވެ.
ޝަރުއީ ދާއިރާގެ އިތުރުން ބައެއް ފަރާތްތަކުން އެފަދަ ކަންބޮޑުވުންތަކެއް ފާހަގަކުރަމުން އަޔަސް ނޭޝަނަލް ޕޭ ކޮމިޝަނުން "މިހާރު" އަށް ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ބައެއް އެލަވަންސްތައް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް އެލަވަންސަކީ އޭނާ ވިދާޅުވި ގޮތުގައި "ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް" އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމަށް އަންނާނެ ބަދަލުތައް ވަރަށް ތަފުސީލްކޮށް ވަނީ ބަލައިފަ އެވެ. އެކަމަކު، ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދޭ އެލަވަންސްތައް ނުލައި ހިސާބު ހެދުމުން ނުބައި މަންޒަރެއް ފެންނަނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މުސާރަ ކުޑަވާ ކަމުގެ ޝަކުވާ އެކި މީހުން ކުރަން ފެށުމުން ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މުސާރައަށް ގެނެސްފައިވާ ބަދަލުގެ އެންމެ ފުރިހަމަ ބަދަލުތައް ފެންނާނީ ޑިސެމްބަރު މަސް ނިންމާ ލިބޭ މުސާރައިގައި ކަމަށެވެ.