27 ނޮވެމްބަރ 2025 - 14:34

ސްރީ ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގެޔާއި އޭނާގެ ފަސް މަސްބޯޓު އިލީގަލް އެސެޓްސް އިންވެސްޓިގޭޝަން ޑިވިޝަނުން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ތަހުގީގުގެ ބޭނުމަށް ހިފެހެއްޓި ލަގްޒަރީ ގޭގެ އަގު 50 މިލިއަން ރުޕީސް އަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަދި ނިލިވެލާ ފިޝަރީޒް ހާބަރުގައި އަޅާފައި ވަނިކޮށް ފަސް މަސްބޯޓު ވެސް ހިފަހައްޓާފައިވާ ކަމަށާއި އެ އުޅަނދުތަކުގެ އަގު 200 މިލިއަން ރުޕީސް އަށް އަރާނެ ކަމަށް ވެސް ބުންޏެވެ.
މި މުދާތައް ހިފެހެއްޓީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހެއްގެ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތުން ކަމަށް ފުލުހުން ބުންޏެވެ.
ތަންގަލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި "ބުމިތެލާ" ނަމަކަށް ކިޔާ މީހާއާ ގުޅުން ހުރި އެކި ތަންތަނުން މެތަމްފެޓަމިން އާއި ހެރޮއިން އަދި ހަތިޔާރު ވެސް ފެނިފައިވެ އެވެ.
ހިފެހެއްޓި ގެޔާއި އުޅަނދުތަކާއި މަސްތުވާތަކެއްޗަކީ "ދެހި ބާލޭ" ނަމަކަށް ކިޔާ މީހެއްގެ އެއްޗެހި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އިތުރުކޮށްފައި ވާއިރު މަސްބޯޓުތަކުގައި އުފުލަނިކޮށް ކަނޑުމަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.