31 މާޗް 2017 - 22:49

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރީ އެ ޕާޓީގެ ސެކްރެޓޭރިއޭޓުން ކުރި ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ 7:00 ގައި ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، "މިހާރު" އަށް އަނަސް ވިދާޅުވީ އޭނާގެ މައްސަލައަކަށް ވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ބުދަދުވަހުގެ ރޭ ފުލުސް އޮފީހަށް ގެންދާތީ، އެ ގަޑިއަށް ފުލުސް އޮފީސް ކައިރި އަށް ދިއުމަށް އެދި އެމްޑީޕީން ކުރި ޓްވީޓެއް ކަމަށެވެ.
އަނަސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް މިރޭ އޭނާ ވަނީ ބަޔާން ދީފައި ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ މީހުންނާއި މަޝްހޫރު މީހުން ފުލުސް އޮފީހަށް ގެންދާއިރު، އެ މީހުންނަށް ހިތްވަރު ދިނުމަށްޓަކައި ފުލުސް އޮފީސް ކައިރި އަށް އަބަދުވެސް ސަޕޯޓަރުން ދާ ކަމަށެވެ.
"އަޅުގަނޑު [ފުލުހުންނަށް] ދެންނެވިން މީގެ ކުރިން މައްސަލައަކަށް ނުވި ކަމެއް މިހާރު މައްސަލައަކަށް ވީ ކީއްވެގެންތޯއޭ؟ އެ ޓްވީޓްގައި އެ ބުނާ ވާހަކައިގެ މާނައަކީ ގާނޫނު ހުއްދަކުރާ އެންމެ ކައިރި ސަރަހައްދަކަށް މީހުން ދިއުމޭ. ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރި ރޭ ވެސް އެންމެ ކައިރިއަށް ވެސް މީހުން ގޮސް ތިބީ އެމްއެމްއޭއާ ހިސާބުގައި،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ކުއްލި ގޮތަކަށް މިފަދަ ކަމެއްގައި ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގީ، އިދިކޮޅު ހުރިހާ ލީޑަރުން އެއްގަލަކަށް އަރައި، އެ ބޭފުޅުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމުންނެވެ.
"އެހެންވެ ބިރު ދެއްކުމުގެ އަމަލެއް ކަމަށް އަޅުގަނޑު ދެކެނީ. މަޝްހޫރު މީހުން ފުލުސް އޮފީހަށް ގެންދާއިރު ހިތްވަރު ދޭން މީހުން ދިއުމަކީ އާންމު ކަމަކަށް ވާއިރު، މި ފަހަރު މިއީ މާ ބޮޑު ކަމަކަށް ވީމާ މި ސުވާލު އުފެދެނީ،" އަނަސް ވިދާޅުވި އެވެ.
އަނަސް އާއި ގާސިމްގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވެސް ވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު އެކި މައްސަލަތަކުގައި ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވި، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެކި ފަހަރު މަތިން ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ވިދާޅުވަނީ އެބޭފުޅުން ފުލުސް އޮފީހަށް ގެންދަނީ މަސީހް ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުން އޭގެ ބަދަލެއްގެ ގޮތުގައި ބިރު ދެއްކުމަށް ކަމަށެވެ.