27 ނޮވެމްބަރ 2025 - 08:54

ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމްކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައި، ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.
އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ ޕީއެންސީ މެމްބަރު ޑރ. އަނާރާ ނައީމް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި، 24 މަސް ދުވަހަށް އިތުރުކުރުމަށެވެ.
އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން ވެސް، ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން އަނާރާ ވަނީ ހުށަހަޅުއްވައިފަ އެވެ.
މީގެ އިތުރުން، އެ ގާނޫނުގައި ރިޔާސީ ދައުރެއް ހިނގަން ފަށާ މުއްދަތަކީ 18 މަސް ދުވަސްކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް، ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވުޖޫދުކުރީ، ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާކުރުމަށް ކަމަށް ބުނެ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.