27 ނޮވެމްބަރ 2025 - 09:13

ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ގާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައި ވަނީ ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާ އުވާލާށެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެ އެވެ.
ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ވާހަކައެއް ކުރިން ނެތް ނަމަވެސް މި ފަހަރު ހުށަހެޅި އިސްލާހުގައި ވަނީ އެ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 25،000ރ. ދިނުމަށް ބަޔާންކޮށްފަ އެވެ. އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ.
އިސްލާހު ބައްޓަން ކޮށްފައި ވަނީ ކުރީގެ ރައީސުންނެކޭ އެއްފަދައިން ކުރީގެ ނައިބު ރައީސުން ވެސް ރިޔާސީ އިތުރު ދައުރެއް ފުރިހަމަ ކުރައްވާ ނަމަ ނުވަތަ ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ގާނޫނުގައި ބުނާ އިނާޔަތްތައް އެ މުއްދަތަށް މެދުކެނޑޭ ގޮތަށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭން ވާނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭން ވާނެ އެވެ.
މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު 10 ގަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ނިންމަވާފައިވާ ކަން ރައީސް މުއިއްޒު ކުރިން އިއުލާން ކުރެއްވުމުން އެކަމަށް ރިއެކްޓް ކުރެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސުންގެ ތެރެއިން ނަޝީދެވެ.
ނަމަވެސް ނަޝީދު ހަމައެކަނި ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ މައުލޫއުގައި މިހާތަނަށް ނަޝީދު އެ އަށް ވުރެ އިތުރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ވަހީދާއި ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުންނެވީ ހިމޭނުންނެވެ.