ގަދަފަދަ ބެޔާން ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ގަދަފަދަ ބެޔާން ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި

މި ސީޒަނުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ޖަރުމަނުގެ ގަދަބާރު ބެޔާން މިއުނިކް 3-1 އިން ބަލިކޮށް އިންގްލެންޑުގެ އާސެނަލުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމުގެ ފޭވަރިޓެއްކަން ސާބިތުކޮށްދީފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ވެސް އޮތް އާސެނަލް އަކީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމު ވެސް މެ އެވެ. އެ ޓީމު ލީގު ބުރުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި އޮތީ ފްރާންސްގެ ޕީއެސްޖީ އަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ޖުރިއެން ޓިމްބާ ޖެހި ލަނޑުން އެ ޓީމު ކުރި ހޯދި އެވެ. އެކަމަކު 32 ވަނަ މިނެޓުގައި ބެޔާނުގެ 17 އަހަރުގެ މިޑްފީލްޑަރު ލެނަޓް ކާލް ގޯލް ޖަހައި އެއްވަރުކުރި އެވެ.

ޖަވާބުގައި އާސެނަލުން ދެ ވަނަ ހާފުގައި ނުކުމެ ކުޅުން އެއްކޮށް ޑޮމިނޭޓްކޮށް ދެ ގޯލު ޖަހައި މޮޅުވީ އެވެ. އެ ޓީމަށް އަލުން ލީޑު ނަގައިދިނީ 69 ވަނަ މިނެޓުގައި ނޯނި މަޑުއެކޭ އެވެ. އަދި ތިން ވަނަ ގޯލް 77 ވަނަ މިނެޓުގައި ވައްދާލީ ގެބްރިއަލް މާޓިނެލީ އެވެ.

ޕްރިމިއާ ލީގުގައި މި ހަފުތާގައި ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް 4-1 އިން ބަލިކޮށް ރަނގަޅު ފޯމެއްގައި އޮވެ މި މެޗާ ކުރިމަތިލީ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޔޫރަޕުގެ އެންމެ މޮޅު ޓީމާ ދެކޮޅަށް ކުޅެ މޮޅުވުމުގެ ހުރިހާ ވެސް ޝުކުރެއް ހައްގީ ކުޅުންތެރިންނަށް ކަމަށެވެ.

"ބޮޑު މޮޅެއް މި ލިބުނީ. އެކަމަކު މިހިސާބުން މި މެޗުގެ ވާހަކަ ނިންމާލަންވީ. އަނެއްކާ ވެސް ދެން އޮތް (ޗެލްސީ) މެޗަށް ތައްޔާރުވާންވީ ވަގުތު މިއީ،" އާޓެޓާ ބުންޏެވެ.

މި މޮޅާ އެކު އާސެނަލަށް ވަނީ މުބާރާތުގެ އަނެއް ބުރަށް އޮޓޮމެޓިކް ކޮލިފިކޭޝަނެއް ލިބޭނެކަން ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. އެކަމަކު އާޓެޓާ ބުނީ އަދިވެސް ޗެލެންޖިން މެޗުތަކެއް އެބަހުރި ކަމަށާއި އެހެންވެ ފަސޭހަކޮށްލެވެން ނެތް ކަމަށެވެ.

ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ކޯޗުކޮށްދޭ ބެޔާން އޮތީ ސީޒަނުގެ ފުރަތަމަ ބައްޔާ އެކު، ޗެމްޕިއަންސް ލީގުގެ ތާވަލުގެ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އާއި، ތިން ވަނައިގައި އޮތް ބެޔާނާއި، ހަތަރު ވަނައިގައި އޮތް އިޓަލީގެ އިންޓަ މިލާނާއި، ފަސް ވަނައިގައި އޮތް ސްޕެއިނުގެ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރު ޓީމު ފަރަގުވަނީ ލަނޑުގެ ތަފާތުންނެވެ.

މީގެ ތެރެއިން އިންޓަ ވަނީ ރޭ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބަލިވެފަ އެވެ. އަނެއްކޮޅުން ރެއާލް ވަނީ ގްރީކުގެ އޮލިމްޕިއާކޮސް އަތުން 4-3 އިން މޮޅުވެފަ އެވެ.