27 ނޮވެމްބަރ 2025 - 06:19

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ-ބިސާއޫގައި ބޭއްވި އާންމު އިންތިހާބުގައި ރައީސް އުމަރޯ ސިސޯކޯ އެމްބާލޯ އާއި އޭނާގެ ވާދަވެރި ކެންޑިޑޭޓް ފެންޑާންޑޯ ޑަޔަސް ވެސް "އެއްބުރުން ކާމިޔާބުވި" ކަމަށް ވިދާޅުވުމާ އެކު ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ސިފައިން ނުކުމެ ރައީސް ހައްޔަރުކޮށް ވެރިކަން ވައްޓާލައިފި އެވެ.

އިންތިހާބަށް ތިން ދުވަސް ފަހުން އަސްކަރިއްޔާގެ ފައުޖެއް ޓީވީއަށް އަރައި ވެރިކަން ވައްޓާލައި ގައުމުގެ ކޮންޓްރޯލް ހޯދާފައިވާކަން އިއުލާނުކުރުމުގެ ކުރިން ރިޔާސީ ގަނޑުވަރާއި އިލެކްޝަންސް ކޮމިޝަން ކައިރީ ވަރުގަދައަށް ބަޑީގެ ހަމަލާތައް ވެސް ދީފައިވެ އެވެ.
ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވަން ނިކުތް "ހައި މިލިޓަރީ ކޮމާންޑް" ގެ ގޮތުގައި ސިފަކުރަމުން ސިފައިން ބުނީ އިންތިހާބާ ގުޅޭ ހުރިހާ މަސައްކަތެއް، ވަކި ގޮތަކަށް އަންގަންދެން ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެއްގަމާއި ވަޔާއި ކަނޑުން ވެސް ބޯޑަރުތައް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.
ވެރިކަން ވައްޓާލި އިރު ބޮޑަށް ބެލެވިފައި އޮތީ ރައީސް އެމްބާލޯ އަށް އިންތިހާބު ކާމިޔާބުވިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާނެ ކަމަށެވެ.
ފްރާންސްގެ ބްރޯޑްކާސްޓަރު ފްރާންސް 24 އަށް ފޯނުން ދެއްވި އިންޓަވިއުގައި އެމްބާލޯ ވިދާޅުވީ އޭނާ މިހާރު ހުރީ "ވެރިކަމުން ދުރުކޮށް" ޖެނެރަލް ސްޓާފް ހެޑްކްއާޓާޒެއްގައި ބަންދުކޮށްފައި ކަމަށެވެ.
ރައީސްގެ އިތުރުން، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިން އިދިކޮޅު ޕީއޭއައިޖީސީގެ ލީޑަރު ޑޮމިންގޯސް ސިމޯސް ޕެރޭރާ ވެސް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅެނިކޮށް ހައްޔަރުކޮށްފަ އެވެ.
ސެނެގޯލްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ނިކޮލަސް ހޭގް ބުނީ އަސްކަރިއްޔާއިން ދަނީ ކާފިއު އިއުލާނުކޮށް އިންޓަނެޓް ކަނޑާލަން ވެސް މަސައްކަތްކުރަމުން ކަމަށެވެ. ރައީސް އެމްބާލޯ ހައްޔަރުކޮށްފައި ވަނީ އޭނާއަށް ހިމާޔަތް ދިނުމުގެ ޒިންމާ އޮތް ރިޔާސީ ގާޑުންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް އޭނާ ބުންޏެވެ.
ވެރިކަން ވައްޓާލުމުގެ ކުރިން ރައީސް އެމްބާލޯ އާއި ޑަޔަސް ވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށާއި ދެ ވަނަ ބުރެއްގެ ވޯޓު ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ދެ ވަނަ ބުރެއް ނޯންނާނެ،" އެމްބާލޯގެ ކެމްޕެއިން ތަރުޖަމާނު އޮސްކާ ބަރްބޯސާ އޭއެފްޕީއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ބުރެއް ނޯންނާނެ ކަމަށާއި އެކަމަކު ރައީސް އަށް "ދެ ވަނަ 'މޭން-ޑޭޓް' އެއް އޮންނާނެ" ކަމަށެވެ.
"މި އިންތިހާބު ކާމިޔާބުވެއްޖެ. މި އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުވެއްޖެ،" އެމްބާލޯގެ ވާދަވެރި ކެންޑިޑޭޓް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.
ޕޯޗުގަލްގެ އަތްދަށުން ގިނީ-ބިސާއު އަށް 1974 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ސިޔާސީ އެކި ހަމަނުޖެހުންތަކުގެ ތެރޭގައި ބަޣާވާތްކުރަން އެތައް ފަހަރަކު މަސައްކަތްކޮށް އަދި އެތައް ފަހަރަކު ބަޣާވާތުން ވެރިކަން ބަދަލުކޮށްފައިވެ އެވެ.