ޑޭވިޑް ލުއިޒްގެ ލަނޑާ އެކު ސައިޕްރަސްގެ ކްލަބުން މޮނާކޯ ހުއްޓުވައިފި
ޑޭވިޑް ލުއިޒްގެ ލަނޑާ އެކު ސައިޕްރަސްގެ ކްލަބުން މޮނާކޯ ހުއްޓުވައިފި

ޗެލްސީ އާއެކު 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ ގޯލަކާ އެކު ސައިޕްރަސްގެ ޗެމްޕިއަން ޕާފޯސް އަމިއްލަ ދަނޑުގައި ފްރާންސްގެ މޮނާކޯއާ 2-2 އިން އެއްވަރު ކޮށްފި އެވެ.

މޮނާކޯ ވަނީ މެޗުގެ ފަސްވަނަ މިނިޓުގައި، ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޖަޕާނު ޓަކޫމީ މިނަމީނީގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް 18 ވަނަ މިނިޓުގައި ލުއިޒް ވަނީ ބޮލުން ގޯލެއް ޖަހައި ޕާފޯސް އަށް އެއްވަރު ކޮށްދީފަ އެވެ.

މިއާ އެކު އުމުރުން 38 އަހަރާއި 218 ދުވަހުގައި ލުއިޒް ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ގޯލު ޖެހި ދެވަނައަށް އެންމެ ދޮށީ ކުޅުންތެރިޔާއަށް ވެފަ އެވެ. އެންމެ ދޮށީ ކުޅުންތެރިއަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އުމުރުން 40 އަހަރާއި 290 ދުވަހުގައި ގޯލު ޖެހި އެ ގައުމުގެ ލެޖެންޑަރީ ޑިފެންޑަރު ޕެޕޭ އެވެ.

ހަމައެއާ އެކު މިއީ 2017 ވަނަ އަހަރު ޗެލްސީއަށް ކުޅެމުން ލުއިޒް ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި ފަހުން، މި މުބާރާތުގައި އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގައި ކުޅުނީ 2007 ވަނަ އަހަރު، ޕޯޗުގަލްގެ ބެންފީކާ އާއެކު އެވެ.

ލުއިޒް ގޯލު ޖެހިތާ އަށް މިނިޓު ފަހުން ފޮލާރިން ބަލޯގަން ދެވަނަ ފަހަރަށް މޮނާކޯއަށް ލީޑު ނަގައިދީފައި ވަނިކޮށް ޕާފޯސް އެއްވަރު ކުރީ 88 ވަނަ މިނިޓުގައި ޕާފޯސްގެ ކުޅުންތެރިއެއް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ގޯލްކީޕަރު ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ.

މިއީ 2014 ވަނަ އަހަރު އުފެއްދި ޕާފޯސް، ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގައި ޔޫރޮޕާ ލީގު ކޮލިފައިންގައި ނާކާމިޔާބު ވިޔަސް، ކޮންފަރެންސް ލީގުގައި ވަނީ ގަދަ 16 އާ ހަމައަށް ދަތުރު ކޮށްފަ އެވެ.

ޕާފޯސް އާއި މޮނާކޯ ވެސް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ތިން މެޗު އެއްވަރު ކޮށްފަ އެވެ.

މި މެޗުގައި ޕޯލް ޕޮގްބާ މޮނާކޯގެ ބެންޗުގައި އިނެވެ. ޑޯޕިން ބޭން އަކާ ގުޅިގެން ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އޭނާ ވަނީ މިދިޔަ ހަފްތާ ބަންދުގައި ފުރަތަމަ ފަހަރަށް މެޗެއްގައި ކުޅެފަ އެވެ. ލީގުގައި ރެންސް އާ ދެކޮޅަށް ފަހު ފަސް މިނިޓަށް ޕޮގްބާ ކުޅެން އެރި އެ މެޗުން މޮނާކޯ ވަނީ 4-1 އިން ބަލިވެފަ އެވެ.