27 ނޮވެމްބަރ 2025 - 08:20

ޔޫއެފާ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބްތަކުގެ 19 އަހަރުން ދަުގެ ޓީމުތަކަށް ހާއްސަ ކޮށްގެން ބާއްވާ ޔޫއެފާ ޔޫތު ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އާސެނަލްގެ 13 އަހަރުގެ މިޑްފީލްޑަރު ލުއިސް މުނޯޒް ހޯދައިފި އެވެ.

މުނޯޒް ވަނީ އާސެނަލް ރޭ 4-2 އިން ބެޔާން މިއުނިކް ބަލިކުރި މެޗުގެ 85 ވަނަ މިނިޓުގައި ކުޅެން އަރައިފަ އެވެ. މިއާ އެކު އޭނާ ވަނީ 13 އަހަރާއި 11 މަހާއި 15 ދުވަހުގައި، ގިބްރާލްޓާގެ ރެޑް އިމްޕްސް އާއެކު، 14 އަހަރާއި ތިން މަހާއި އެއް ދުވަހުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެރި ރެކޯޑް މުގުރާލައިފަ އެވެ.
ދެހާސް އެގާރައިގައި އުފަންވި މުނޯޒަށް އަންނަ މަހު 14 އަހަރު ފުރޭނެ އެވެ. އިނގިރޭސި 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ރޭގެ މެޗުގައި ކުޅެން އެރީ ފޯވާޑެއްގެ ގޮތުގައެވެ.
މުނޯޒް ވަނީ މި މަހުގެ ކުރީކޮޅު، ޕްރިމިއާ ލީގު 16 އަހަރުން ދަށުގެ ނެޝަނަލް ފައިނަލްސް ކާމިޔާބު ކުރި ސްކޮޑުގައި ވެސް ހިމެނިފަ އެވެ.
މި މެޗުގައި އާސެނަލްގެ ސީނިއާ ޓީމަށް ކުޅޭ މެކްސް ޑައުމަން، 15، ވަނީ ދެ ގޯލު ޖަހައިފަ އެވެ. މިދިޔަ އޮގަސްޓް މަހު ޕްރިމިއާ ލީގުގައި ކުޅެން ފެށި ޑައުމަން ޔޫތު ލީގުގައި ކުޅެން ފެށީ، 14 އަހަރާއި އަށް މަހާއި 19 ދުވަހުގަ އެވެ.
ޑައުމަން އޭނާ ވަނީ މި މަހު ކުރީކޮޅު ސީނިއާ ޓީމާ އެކު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.
މީގެ އިތުރުން ސީނިއާ ޓީމަށް ކުޅޭ އުމުރުން 18 އަހަރުގެ އީތަން އެންވަނޭރީގެ ކޮއްކޮ، އެމަސަން އެންވަނޭރީ، 15، ވެސް ވަނީ ރޭގެ މެޗުގައި މުނޯޒް އާއެކު ކުޅެން ނުކުމެފަ އެވެ.
ރޭގެ މެޗަކީ އާސެނަލްގެ ޒުވާން ޓީމު، ޔޫތު ލީގުގައި މި އަހަރު މޮޅުވި ފުރަތަމަ މެޗެވެ. ފުރަތަމަ ހަތަރު މެޗުން ބަލިވެ، ލީގު ބުރުގައި ބާކީ އެއް މެޗު އޮތުމާ އެކު އެ ޓީމަށް މޮކައުޓް ބުރަށް ދާން އޮތީ ހަނި ފުރުސަތެކެވެ.
ޔޫއެފާ އިން 2013 ވަނަ އަހަރު ބާއްވަން ފެށި ޔޫތު ލީގު އެންމެ ފަހުން ކާމިޔާބު ކުރީ ބާސެލޯނާ އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ބާސެލޯނާ އެވެ. އެ ޓީމު ވަނީ ފައިނަލް ކުޅުނު ތިން ފަހަރު ވެސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު އެންމެ ކާމިޔާބީ، ހަތަރު ފަހަރު ފައިނަލް ކުޅެގެން ދެ ފަހަރު މުބާރާތް ކާމިޔާބު ކުރި ޗެލްސީ އެވެ.