27 ނޮވެމްބަރ 2025 - 06:23

އަރަބިންގެ އަދަބީ ދުނިޔޭގައި މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ޖުހާގެ ނަން "ފީފާ އަރަބް ކަޕް ގަތަރު 2025"ގެ ރަސްމީ މެސްކޮޓަށް ދީފި އެވެ.
އަންނަ މަހު 1 އިން ފެށިގެން 18 ގެ ނިޔަލަށް ކުރިއަށް ގެންދާ "ފީފާ އަރަބް ކަޕް ގަތަރު 2025"ގެ ރަސްމީ މެސްކޮޓެއްގެ ގޮތުގައި "ޖުހާ" ހަމަޖެއްސިކަން އިއުލާންކުރީ ފީފާގެ ވެބްސައިޓުގަ އެވެ.
ޖުހާއަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޝަހުސިއްޔަތެކެވެ. އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމުގައި ވެސް މިސާލު ޖެހުމަށާއި މަޖާކުރުމަށާއި އަދި މީހުން ހެއްވާލައި، އިބުރަތެއް ހާސިލްކޮށްދިނުމުގެ ބޭނުމުގައި ޖުހާގެ ވާހަކަތައް ޒަމާނުއްސުރެއް ކިޔައި އުޅެ އެވެ.
ޖުހާގެ ވާހަކަތަކުގެ އަސްލަކީ އަރަބިކަރަ، ފާރިސް ނުވަތަ ތުރުކީ ކަމަށް ބެލެވެ އެވެ. ތުރުކީގައި އެ ޝަހުސިއްޔަތަށް ކިޔަނީ ނަސްރުއްދީން ޚޯޖާ އެވެ. އޭނާ ބައެއް ފަހަރު ސިފަކޮށްފައި ވަނީ މޮޔަ ނުވަތަ ތަންކޮޅެއް ފިނޑި މީހެއްގެ ގޮތުގަ އެވެ. ނަމަވެސް، އެ ވާހަކަތަކުގައި އޭނާގެ އަމަލުތަކުން އިބުރަތެއް ހާސިލްވެ އެވެ.
ޖުހާގެ ވާހަކަތައް އާންމުކޮށް ބޭނުންކުރަނީ މުޖުތަމައުގެ ދިރިއުޅުމުގެ ހާލަތްތައް ބުނެދިނުމަށާއި އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކަށް ސަމާސާ ރާގުގައި ފާޑުކިޔުމަށެވެ. އަދި އެ ވާހަކަތަކުން އާންމުކޮށް ރަނގަޅު، އަހުލާގީ ފިލާވަޅެއް ނުވަތަ ފުން މެސެޖެއް ފޯރުކޮށްދެ އެވެ.
"ފީފާ އަރަބް ކަޕް ގަތަރު 2025"ގައި އަރަބި 16 ގައުމެއްގެ ޓީމްތަކުން ވާދަކުރެ އެވެ.