27 ނޮވެމްބަރ 2025 - 06:37

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއްގައި ކުރާ ތުހުމަތުތަކަކާ ގުޅިގެން ސުވާލުކުރުމަށް އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސާ އޮރީ ފުލުހަށް އިއްޔެ ހާޒިރުކުރި ވަގުތު އާންމުންނާއި ޕަޕަރާޒީން އޭނާ ވަށާލައި ހުއްޓުވަން މަސައްކަތްކޮށްފި އެވެ.
އޭނާ ފުލުހަށް ހާޒިރުވި ވަގުތު އެ ސަރަހައްދުގައި ތިބި އާންމުންނާއި ޕަޕަރާޒީން އޭނާގެ ނަމުން ގޮވައި، އަރައިގަނެ، އޭނާ ހުއްޓުވަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެމީހުން އެތަނުން ދުރުކޮށް އޭނާ ޕޮލިސް ސްޓޭޝަނަށް ވެއްދުމަށް ފުލުހުންނާއި ގާޑުން މަސައްކަތް ކުރެ އެވެ.
މުމްބާއީ ފުލުހުންގެ އެންޓި ނާކޮޓިކްސް ސެލް (އޭއެންސީ) އަށް ބަޔާން ދޭން ހާޒިރުވާން އޮރީއަށް އެންމެ ފުރަތަމަ އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު، އޭނާ އިތުރު ވަގުތު ދޭން އެދުމުން ބަޔާން ނަގަން ހާޒިރުކުރީ އިއްޔެ އެވެ.
އޮރީއާ ސުވާލުކުރީ މި މަހު ފަހެއްގައި ދުބާއީން ޑިޕޯޓްކޮށްލި ޑްރަގުގެ ބޮޑެއް ކަމަށްވާ މުހައްމަދު ސުހައިލް ޝެއިހްއާ ގުޅޭ ޑްރަގް ޓްރެފިކިންގެ މައްސަލައިގަ އެވެ. ޝެއިހްއަކީ އިންޑިއާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ދާވޫދް އިބްރާހިމް ގޭންގާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ބައެއް ނޫސްތަކުގައި ބުނީ ޝެއިހް ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާއަކީ ދުބާއީ އާއި މުމްބާއީގައި "ލެވިޝް" ޕާޓީތައް ބާއްވައިދޭ މީހެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެ ޕާޓީތަކަށް އޮރީގެ އިތުރުން އިންޑިއާގެ މަޝްހޫރު މީހުން ކަމަށްވާ ނެށުންތެރިޔާ ނޯރާ ފަތެހީ، ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރް، ޝްރައްދާގެ ބޭބެ އަދި އެކްޓަރު ސިދާންތު ކަޕޫރް، ފިލްމު އުފެއްދުންތެރިން ކަމަށްވާ އައްބާސް-މުސްތާން، ރެޕާ ލޯކާ އަދި ކޮންގްރެސް ޕާޓީގެ ލީޑަރު ޒީޝާން ސިއްދިގީ ވެސް ދިޔަ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
އެ މައްސަލާގައި ބަޔާން ނަގަން ޝްރައްދާގެ ބޭބެ ސިދާންތު މިދިޔަ އަންގާރަ ދުވަހު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
މިއީ މުމްބާއީގެ ފުލުހުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ 126.14 ކިލޯގެ މެފެޑްރޯން އަތުލައިގަތް މައްސަލަ އެވެ. އެ ތަކެތީގެ އަގު 252 ކްރޯޑް ރުޕީސް (438 މިލިއަން ރުފިޔާ) އަށް އަރަ އެވެ. މި މައްސަލައިގައި ހިމެނޭ ބޮޑެއް ކަމަށްވާ ޝެއިހް ދުބާއީން އިންޑިއާއަށް ޑީޕޯޓްކޮށްލުމާ އެކު، މުމްބާއީގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.