27 ނޮވެމްބަރ 2025 - 06:36

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑި ޖެހި މައްސަލާގައި ހައްޔަރުކުރި ފަސް މީހަކަށް ދައުވާކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނީ މުމްބާއީގައި ހުންނަ މަހަރާސްތުރާ ކޮންޓްރޯލް އޮފް އޯގަނައިޒްޑް ކްރައިމް އެކްޓް ކޯޓުން އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.
އެ މައްސަލާގައި ދައުވާކުރަނީ ވިކީކުމާރް ގުޕްތާ، ސާގަރްކުމާރް ޕަލް، ސޯނޫކުމާރް ބިޝޯނީ، ރާފިގް ސަރްދާރު ޗޯދުރީ އަދި ހަރްޕަލް ސިންގް ކިޔާ މީހަކަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބި އެ އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފަސް މީހުންނަށް ކުރަނީ ގޭންގު ހަދައިގެން ރާވައިގެން ކުށްކުރުމާއި މީހަކު މަރާލުމުގެ ނިޔަތުގައި ކުށްކުރުން އަދި ޓެރަރިޒަމާ ގުޅޭ އެކި ދައުވާތަކެވެ.
މުމްބާއީގައި ހުންނަ ސަލްމާންގެ ގެއަށް ބަޑި ޖެހި ފަހުން، ހެއިދަރުއާބާދުގެ ޖަލުގައި އޮތް އިންޑިއާގެ ގޭންގުސްޓާރެއް ކަމަށްވާ ލޮރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ބިޝޯނީ ވަނީ އެ ހަމަލާގެ ފަހަތުގައި ހުރީ އޭނާ ކަމަށް ބުނެފަ އެވެ. އަދި އެ ހަމަލާ ރާވައި، ހަތިޔާރު ފޯރުކޮށްދިނުމުގައި ލޮރެންސްގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
އައްމޯލް އެމެރިކާގައި ހުއްޓާ އެ ގައުމުން އޭނާ އިންޑިއާއަށް ޑީޕޯޓްކޮށްލުމާ އެކު އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެހެންވެ، އޭނާ މިހާރު ހުރީ އެ އެޖެންސީގެ ބެލުމުގެ ދަށުގަ އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ފަތިހު ފަހެއް ޖަހާކަށް ހާއިރު ދިން އެ ހަމަލާގައި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ޖެހި ބަޑީގެ ވަޒަންތައް އެރީ ސަލްމާން ގޭގެ ފާރަށެވެ. އެ ގެއަށް އަމާޒުކޮށް ތިން ވަޒަން ޖެހި އެވެ. އަދި ހަމަލާ ދިނުމަށް ފަހު އެމީހުން ވަނީ ސައިކަލެއްގައި އެ ސަރަހައްދުން އަވަހަށް ފިލައިފަ އެވެ.
ސަލްމާންގެ ގެއަށް ބަޑި ޖެހުމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހުންނަކީ ވިކީކުމާރް ގުޕްތާ އާއި ސާގަރްކުމާރް ޕަލް އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި އިތުރު މީހަކު ވަނީ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވެފަ އެވެ.