ފުލުހުންގެ މަސައްކަތް ހަރުދަނާކުރާނެ ގޮތްތައް ހޯދަން ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ
ފުލުހުންގެ މަސައްކަތް ހަރުދަނާކުރާނެ ގޮތްތައް ހޯދަން ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ

ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ފުލުހުންގެ އިސް ބޭފުޅުންގެ ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ 2 އަދި 3 ގައި މި ކޮންފަރެންސް ބާއްވަން ނިންމާފައި މި ވަނީ ފުލުހުންގެ މަސައްކަތާ މެދު ސުވާލު އުފެދޭ އަދި އިތުބާރު ގެއްލޭ ފަދަ ކަންތައްތަކެއް ފެންމަތިވެފައިވާ ވަގުތެއްގަ އެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަަލައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު ހަ އޮފިސަރަކާ މެދު ފިޔަވަޅު އަޅަން ހުށަހެޅުމަށް ވެސް ކޮމިޓީން ފާސްކޮށްފައި ވަނިކޮށް ކޮންފަރެންސްގެ ޕްރީ އެންގޭޖްމަންޓް ސެޝަނެއް މާދަމާ ހެނދުނު ފަށަން ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި "ލޯކަލް ޕޮލިސިން ކޮންފަރެންސް 2025" ނަމުގައި ބާއްވާ ކޮންފަރެންސަށް ތައްޔާރުވުމަށް ފުލުހުންގެ ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ރީޖަންތަކުގެ ވެރިން ބައިވެރި ކޮށްގެން މާދަމާ ޕްރީ އެންގޭޖްމަންޓް ސެޝަނެއް ބާއްވާއިރު ޕޮލިސް ކޮމިޝަނަރު ނަވީން ވީ ރަސްމީ ދަތުރެއްގައި ރާއްޖޭން ބޭރުގަ އެވެ.

1- ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން

2- ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް (އިންޓެލް ހެޑް)

3- އެސިސެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން

4- އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ

5- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު

6- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު

7- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު

އަންނަ މަހު ބާއްވާ ކޮންފަރެންސްގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ހެދުމެވެ.

މާދަމާ ޕްރީ އެންގޭޖްމަންޓް ސެޝަން ބާއްވަނީ އޮޕަރޭޝަނަލް މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ތައްޔާރުކުރާ ކަރުދާސް އެކުލަވާލުމާ ބެހޭ ގޮތުން ބްރީފިން ދިނުމަށެވެ.

މާދަމާގެ ބައްދަލުވުމުގައި ރީޖަންތަކުގެ ކޮމާންޑަރުން ވެސް އޮންލައިންކޮށް ބައިވެރިވާން ވަނީ އަންގައިފަ އެވެ.