26 ނޮވެމްބަރ 2025 - 20:03

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު ހަ އޮފިސަރަކު ސަސްޕެންޑުކުރަން ހުށަޙަޅަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ގޮތަށް ފާސްކުރީ އެ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ.
އެނގިފައިވާ ގޮތުގައި، ސީޕީ ނަވީނާއި އެހެން އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ.
އެ ހަތް ބޭފުޅުން ސަސްޕެންޑު ކުރަން ހުށަހަޅަން ފާސްކުރީ އިއްޔެ އާއި މިއަދު ބޭއްވި މާލިއްޔަތު ކޮމީޓީގެ ސިއްރު ބައްދަލުވުމުގައި މެމްބަރުން ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ. އެެއީ ސިއްރު ބައްދަލުވުންތަކެއް ކަމަށް ވާތީ ކޮމިޓީގެ މެންބަރުން ވަނީ ތަފުސީލުތައް ސިއްރު ކުރައްވައިފަ އެވެ.
1- ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން
2- ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް (އިންޓެލް ހެޑް)
3- އެސިސެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން
4- އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ
5- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު
6- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު
7- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު
ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރަން ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެހެންވެ، ސީޕީ ނަވީނާއި ބާކީ ހަ އޮފިސަރުން ސަސްޕެންޑު ކުރުން ނުވަތަ ފިޔަވަޅު އެޅުމުގެ ކުރިން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީ ފިޔަވަޅު އަޅައިދޭން ހުށަހަޅަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި ހަތް އޮފިސަރުންގެ ތެރެއިން އޭސީޕީ ދާއޫދުގެ މައްސަލައެއް އެ ކޮމިޓީން މިދިޔަ މަހު ފެންމަތިކޮށްފައި ވެ އެވެ. އެއީ އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ކޮމިޓީގެ ރިޕޯޓެއްގައި ވެ އެވެ.
އެކަމަކު، އެ ހުރިހާ ތުހުމަތުތައް ދާއޫދު ފަހުން ވަނީ ދޮގުކުރައްވައިފަ އެވެ.
ހުޅުމާލޭ ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އޭސީޕީ ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ ކަމާ ގުޅޭ މައްސަލަތައް ބަލަމުން އަންނާތީ އޭނާ ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. އެ ތާރީހުން ފެށިގެން ދާއޫދު މަސްއޫލިއްޔަތުތަކުން "ވީއްލައި" ހަމައެކަނި ޖެހެނީ ޕޮލިސް ކޮމިޝަނަރު ނަވީނަށް ރިޕޯޓް ކުރާށެވެ.
ފުލުހުންގެ ކުންފުނި ޕޮލްކޯއާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން މާލިއްޔަތު ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގެ މުގައްރަރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރިން ވިދާޅުވީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅުން އަދިވެސް ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވުމުން ފުލުހުން އެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނާ ގުޅޭގޮތުން ޖިނާއި ތަހުގީގެއް ހިންގޭނެ ވަރަށް ހެކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ނާޒިމް ކުރިން ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވަރު ކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށެވެ. އަދި ޕޮލްކޯ އާއި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އަށް ވެސް ހާއްސަ އެންގުންތަކެއް އެ ކޮމިޓީން އަންގަން ނިންމާފައިވާ ކަމަށް ނާޒިމް ކުރިން ވިދާޅުވެފައި ވެ އެވެ.