27 ނޮވެމްބަރ 2025 - 06:18

މުޅި ދުނިޔެއަށް ބަލާއިރު އެޗްއައިވީގެ އާ ކޭސްތަކުގެ އަދަދު 2010 އިން 2024 އަށް 40 ޕަސެންޓް ދަށަށް ގޮސްފައި ވާއިރު ސްރީ ލަންކާގައި ދިޔައީ އޭގެ އިދިކޮޅަށް، 48 ޕަސެންޓް މައްޗަށް ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ/އެއިޑްސް (ޔޫއެންއެއިޑްސް) އިން ބުނާ ގޮތުގައި އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ފެތުރޭ މިންވަރު އެކި ސަރަހައްދުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތުވެ އެވެ. އެކަމަކު ލަންކާގައި މި ރޭޓް ހުރީ ސަރަހައްދީ ނިސްބަތުން ބަލާއިރު ވެސް އެހެން ގައުމުތަކާ އެއްގޮތަކަށް ނޫނެވެ.
ލަންކާގައި 2010 އިން 2024 އަށް ބަލާއިރު އެޗްއައިވީގެ އާ ކޭސްތަކުގެ އަދަދު 48 ޕަސެންޓަށް މަތިވެފައި ވާއިރު މިދިޔަ އަހަރަކީ މިހާތަނަށް މުޅި ތާރީހުގައި ވެސް އެޗްއައިވީގެ އާ ކޭސްތައް އެންމެ ގިނައިން ފެނުނު އަހަރެވެ. އެއީ 824 އެވެ. މި އަދަދު ރެކޯޑްކުރެވިފައި މި ވަނީ މިދިޔަ 10 އަހަރު ވެސް ކޮންމެ އަހަރަކު މި އަދަދު މަތިވަމުން ގޮހެވެ.
މިހާރު އަންދާޒާކުރެވޭ ގޮތުން ނަމަ، އެޗްއައިވީ ހުރި 5،700 މީހުން މިހާރު ލަންކާގައި އުޅޭނެ އެވެ.
އެޗްއައިވީ ކޭސްތަކުގެ އަދަދު މައްޗަށް ދިޔަ ކަމުގައި ވިޔަސް ލަންކާގައި އަދިވެސް ބޮޑެތި މީހުންގެ އާބާދީގެ ތެރޭގައި އެޗްއައިވީ ހުރި މީހަކު ފެނުމުގެ ނިސްބަތް ހުރީ ވަރަށް ދަށުގަ އެވެ. އެއީ 0.1 ޕަސެންޓަށް ވުރެ ވެސް ދަށުގަ އެވެ.
އެޗްއައިވީ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު 2010 އިން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ވެސް މަތިވަމުން ގޮސްފައި ވާއިރު 2010 ވަނަ އަހަރު ރިޕޯޓްކުރި ކޭސްތަކުގެ އަދަދަކީ 121 އެވެ.
ލަންކާގައި މި ވައިރަސް ހުރި މީހުންނަށް ބަލާއިރު ގިނައީ ފިރިހެނުންނެވެ. އަދި 2010 އިން 2024 އަށް ބަލާއިރު އުމުރުން 15 އަހަރުން މަތީގެ ފިރިހެނުންނަށް އެޗްއައިވީ ޖެހުނު އަދަދު ނުވަ ގުނަ އިތުރުވެފައިވެ އެވެ. އެއީ 2010 ގައި 76 ގައި ހުރުމަށް ފަހު މިދިޔަ އަހަރު 722 އަށް އަރައިގެންނެވެ.
އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ މެދުގައި 2010 ވަނަ އަހަރު 13 ގައި ހުރުމަށް ފަހު 2024 ވަނަ އަހަރު 115 އަށް ވަނީ ކޭސްތައް އިތުރުވެފަ އެވެ. އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ ފިރިހެނުންގެ އަދަދު 10 އިން 91 އަށް ވަނީ މި މުއްދަތުގައި އިތުރުވެފަ އެވެ.