26 ނޮވެމްބަރ 2025 - 20:16

ސަރުކާރުން ހުޅުމާލޭގައި އަޅާ ވަގުފް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ އިމާރާތް އަޅަނީ އުރީދޫ ބިލްޑިންގެ ފަހަތުން އޮންނަ ބްލޮކުގައި އޮންނަ 20،000 އަކަފޫޓުގެ ބިމުގަ އެވެ.

އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ކުންފުންޏާ އެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު އެ މަސައްކަތް 244 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރީ ދެ އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އިމާރާތުގެ ބޭސްމަންޓްގައި ޕާކިން ސަރަހައްދަކާއި ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަހައްދާއި ޕާކިން ވަސީލަތްތައް ގާއިމް ކުރާނެ ކަމަށެވެ. އަދި ވިޔަފާރި ބޭނުންތަކަށް ދޫކުރާ ފްލޯއަކާއި އޮފީސްތަކާއި ނަމާދު ކޮޓަރި އަދި މީޓިން ރޫމްތައް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފްލޯގައި ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ މަލްޓި ޕާޕަސް ހޯލުތައް ހެދުމަށް ހަމަޖެހިފައި ވާއިރު، ރޫފް ޓޮޕަކީ ހުޅުވާލެވިފައިވާ ޓެރަސްއެއްގެ ގޮތުގައި ބޭނުން ކުރާނެ ތަނެއް ކަމަށް ވެސް އިސްލާމިކް މިިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެތަނުގައި ޑޭ ކެއާ ސެންޓަރެއް ގާއިމް ކުރާއިރު، އެތަނުގައި ލިފްޓް ހަރުކުރާނީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ ގޮތަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭގައި ހަދާ ވަގުފް އިމާރާތުގެ ބިން އެޅިއިރު، މާލޭގައި އަޅާ ވަގުފް އިމާރާތުގެ ބިންގާ ވެސް މިދިޔަ ހަފްތާގައި ވަނީ އަޅައިފަ އެވެ. އައިލެންޑާސް ޕްރީސްކޫލާ ޖެހިގެން ބުރުޒުމަގަށްވާ ގޮތަށް އޮންނަ ހުސް ބިމުގައި އެ އިމާރާތް ވެސް އަޅަން ހަވާލުކުރީ އާރްސީސީ ކުންފުންޏާ އެވެ.
ވަގުފް އިމާރާތްތައް އެޅުމުގެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑް އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.