ތާލިބާނުން ބައްދަލުކުރުމުން ރާއްޖެ ގެނައި ތޯހާ އެނބުރި ޕާކިސްތާނަށް
ތާލިބާނުން ބައްދަލުކުރުމުން ރާއްޖެ ގެނައި ތޯހާ އެނބުރި ޕާކިސްތާނަށް

އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލުމަށް ފަހު، އެ ގައުމުގައި ވެރިކަންކުރާ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާނުން ޕާކިސްތާނަށް ކަނޑައަޅާފައިވާ މަންދޫބާ ބައްދަލުކުރެއްވި މައްސަލާގައި ރާއްޖެ ގެނައި، ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ތޯހާ އެނބުރި އެ ގައުމަށް ވަޑައިގެންފި އެވެ.

ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އެކްސް އެކައުންޓުގައި ބުނި ގޮތުގައި، ތޯހާ މިއަދު ވަނީ ތުރުކެމިނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު އަޓަދުޔަން މޮވްލަމޯވްއާ އެ ކޮމިޝަނުގެ އިދާރާގައި ބައްލުކުރައްވައިފަ އެވެ. ތޯހާ އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވިކަން އެނގުނީ އެ ޕޯސްޓުންނެވެ.

ތާލިބާނުންގެ މަންދޫބަކީ ބައްދަލުކުރެއްވި މައްސަލާގައި ތޯހާ ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ އެނބުރި ޕާކިސްތާނަށް މި ވަޑައިގަތީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.

އެކަމަކު، ތޯހާ އެނބުރި ޕާކިސްތާނަށް ވަޑައިގެން ސަފީރުގެ މަގާމު ފުރުއްވަން ފެއްްޓެވި ސަބަބާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ނުބުނެ އެވެ.

ތޯހާ ވަނީ އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަޖައްސާފައި ހުންނަ މަންދޫބު ސަރުދާރު އަހުމަދު ޝަކީބުއާ ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައި ބައްދަލުކުރައްވައިފަ އެވެ. އެއާ އެކު، ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި ހިންގާ ވެރިކަން ރާއްޖޭން ބަލައިގަތީތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އެކަމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން އޭރު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގެ މަންދޫބާ، ތޯހާ ބައްދަލުކުރެއްވީ ދިވެހި ސަރުކާރުގެ ހުއްދަ ނެތި ކަމަށާއި އެކަމުގައި އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލު އުފެދޭ ހާލަތެއްގައި އަބަދު ވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އުސޫލުތަކަށެވެ. އެ އުސޫލާ އެއްގޮތަށް، އދ. ގައި އަފްޣާނިސްތާން ތަމްސީލުކުރާ ފަރާތަކީ، އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ވެސް ބަލައިގަންނަ ފަރާތެވެ.

އެމެރިކާ އާއި އިނގިރޭސި ސިފައިން 20 އަހަރު ވަންދެން އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބުމަށް ފަހު، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާ އެކު، ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި، ވެރިކަމަށް އަރައިފަ އެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިތާ ހަތަރު އަހަރުވީ އިރު ވެސް ގިނަ ގައުމަކުން އަދި ބައިނަލްއަގުވާމީ ޖަމާއަތަކުން ވެސް ތާލިބާނުންގެ ސަރުކާރު ގަބޫލެއް ނުކުރެ އެވެ.

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ނ. ހޮޅުދޫ، އުފަންވެލި، ތޯހާ ހަމަޖެއްސެވުމުގެ ކުރިން އޭނާ ފުރަތަމަ ކަނޑައެޅީ ސައޫދީ އަރަބިއްޔާގެ ސަފީރަކަށެވެ. ސައޫދީ ސަފީރަކަށް ތޯހާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ވެސް ދީފައި ވަނިކޮށް، އޭނާ ޕާކިސްތާނަށް ބަދަލުކުރަން ދިވެހި ސަރުކާރުން ނިންމީ އެވެ. އެކަމަކު، އޭގެ ސަބަބެއް ނުބުނެ އެވެ.

ތޯހާ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއަށް އެރުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 14 ވަނަ ދުވަހު އެވެ.