26 ނޮވެމްބަރ 2025 - 17:22

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވެފައި ވާތީ އޭނާ ގާޒީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އެ މައްސަލަ ބަލަމުންދާތީ އޭނާ ވަނީ މިދިޔަ އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑު ވެސް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، ޖޭއެސްސީން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބަލަމުންދަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
ޖޭއެސްސީން މިއަދު ބުނީ، ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން ޖޭއެސްސީގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާ ކަމަށެވެ. އެހެންވެ، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިދިޔަ މަހުން ފެށިގެން ސަސްޕެންޑުކޮށްފައި ވަނީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.
އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ އެ މަހުގެ 18 ވަނަ ދުވަހު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލީ އެވެ.
އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާ އަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.
އަލީ އަންވަރު ކުރިން ހައްޔަރުކުރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.
ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.
އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ގާޒީ ފާއިޒް ސަސްޕެންޑުކުރި ފަހުން، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ވަނީ ކުރީގެ ނިންމުން ބަދަލުކޮށް ޝަރީއަތް ނިމެންދެން ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން 2019 ގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަތް ފާއިޒް މީގެ ކުރިން، 2021 ވަނަ އަހަރު ވެސް ސަސްޕެންޑްކުރި އެވެ. އެ ފަހަރު ސަސްޕެންޑުކުރީ އެ މައްސަލައާ ބެހޭ ގޮތުން ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައިގަ އެވެ. އެކަމަކު އޭރު ކުރި ތަހުގީގަށް ފަހު، އޯޑިއޯތައް ސައްހަ ނޫން ކަމަށް ނިންމުމުން ޖޭއެސްސީން ވަނީ ފާއިޒްގެ އިތުރުން ދެން އެ މައްސަލައިގައި ސަސްޕެންޑިކުރި ގާޒީ އަލީ އާދަމާއި ގާޒީ މުހައްމަދު ސަމީރުގެ ސަސްޕެންޝަން ވެސް އުވާލައިފަ އެވެ.
މީގެ އިތުރުން، މައްސަލައިގައި ހިމެނޭ ޚަސްމަކު ޝަރީއަތުގެ މަޖިލީހަށް ނުވައްދައި ހުކުމްކުރި މައްސަލައެއްގައި ވެސް ޖޭއެސްސީން ފާއިޒު އަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތްތެރިވެފައިވެ އެވެ.