މާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށައިފި
މާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށައިފި

މާލެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދެންމެ ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ކުރަމުން އަންނަ ކަމަށެވެ.

މަގުތަކުން ފެން ހިންދުމަށްޓަކައި މިވަގުތު މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިއަދު މެންދުރު އެކެއް ޖެހި ފަހުން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ވާރޭގައި ގިނަ މަގުތަކެއްގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 6:30 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.