26 ނޮވެމްބަރ 2025 - 16:01

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާއަށް ފަރުވާ ދެމުންދާ ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި 43 އަހަރުގެ ދިވެހި ފިރިހެނަކަށް އިމަޖެންސީ ރޫމްގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. އަދި އެއީ މެޑިކަލް ޓާމުން ބުނާ ނަމަ "ތާޑް ޑިގްރީ ބާންއެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"ތާޑް ޑިގްރީ ބާންއެކޭ ބުނަނީ ހަށިގަނޑު ނުވަތަ މީހާގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައި ހުރުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.
އެ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މިއަދު ކެނޑުނެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް، ކަރަންޓްގެ ހިދުމަތް އަލުން ވަނީ ދީފަ އެވެ.