26 ނޮވެމްބަރ 2025 - 14:52

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިއަދު އަލިފާނުގެ ހާދިސާއެެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.
މުވައްޒަފަކަށް އަނިޔާވިއިރު، އެ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވެސް މިއަދު މެދުކެނޑު ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.