26 ނޮވެމްބަރ 2025 - 14:03

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ 27 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ނުވުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އެހީ ނުވެ އެތަނުން ގޮސްފައިވާތީ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކޯޓުގައި އެ ކުށަށް އެއްބަސްވެފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައިނުވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި އެ މުއްދަތު ހޭދަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އޭނާ ދެން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތެވެ.
އެ ހާދިސާއަށް ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ.
އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމީ އެ އިމާރާތުން ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަން ފާހަގަވާތީ އެކަންކަމަށް ފިޔަވަޅު އަޅަން އެ ކޮމިޝަނުން އެދިފައިވެ އެވެ.