ނިއު އިން ލަންކާ ކީޕަރު ގެނައީ ހާއްސަ ހުއްދައެއްގެ ދަށުން
ނިއު އިން ލަންކާ ކީޕަރު ގެނައީ ހާއްސަ ހުއްދައެއްގެ ދަށުން

ނިއު ރޭޑިއަންޓުގެ ޕާކިސްތާން ގޯލްކީޕަރު ސާގިބް ހަނީފަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުމުން، ހާއްސަ ހުއްދައެއްގެ ދަށުން ސްރީ ލަންކާ ކީޕަރު ކަވީޝް ލަކްޕްރިޔާ ފެނާންޑޯ ގެނެސްފި އެވެ.

ސާގިބުގެ އަތުގެ ކަށިގަނޑެއް ބިނދިގެން ފަރުވާ ހޯދަން މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ސާޖަރީއެއް ހަދައިފަ އެވެ. އޭނާ އަށް ކުޅެން ނުކުމެވޭނެ ސީދާ ދުވަހެއް އަދި ނޭގޭ ކަމަށް ނިއު އިން ބުނެ އެވެ.

ޓްރާންސްފާ މުއްދަތުގެ ބޭރުން ނިއުގެ ސްކޮޑުގައި އާ ކީޕަރެއް ޖެހުމުގެ ހުއްދަ އެފްއޭއެމުން ދިނީ ސާގިބުގެ މެޑިކަލް ރިޕޯޓްތައް ބެލުމަށް ފަހު އެވެ. ކީޕަރަކަށް އަނިޔާވެ ގިނަ ދުވަހަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ އިމަޖެންސީ ހާލަތެއް ކަމަށް ބަލައި އެހެން ކުޅުންތެރިޔަކު ގެނައުމުގެ ހުއްދަ ފީފާ އިން ދެ އެވެ.

މީގެ އަހަރުތަކެއް ކުރިން ވިކްޓްރީން ވަނީ މުހައްމަދު ފައިސަލަށް އަނިޔާވުމުން ތުރުކީ ކީޕަރެއް ކަމަށްވާ ލެވަންޓް ވަންލީ ގެނެސްފަ އެވެ. އަދި އީގަލްސްގެ އިބްރާހީމް ލަބާން ޝަރީފް ހައްޔަރުކުރުމުން އެ ޓީމުން ބަދަލުގައި ލަންކާ ކީޕަރު ސުޖަން ޕެރޭރާ ގެނަ އެވެ.

ކަވީޝް ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ހަފުތާގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 1-0 އިން ނިއު ބަލިވި މެޗުގައި ކުޅެން ނުކުމެފަ އެވެ.

ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގައި ޓެންޓް ސްޕޯޓްސް އާށް ވެސް ކުޅެފައިވާ ކަވީޝް އަކީ ލަންކާގެ މިހާރުގެ އެއް ނަމްބަރު ކީޕަރެވެ. އެގޮތުން އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ ހަފުތާގައި ތައިލެންޑް އަތުން 4-0 އިން ލަންކާ ބަލިވި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ އޭނާ އެވެ.

ލަންކާ ގައުމީ ޓީމަށް ކުޅެފައިވާ ތިން ކީޕަރަކު ވަނީ މީގެ ކުރިން ނިއު އަށް ކުޅެފަ އެވެ. އެއީ 1980ގެ އަހަރުތަކުގެ ފަހުކޮޅު ނިއު ކުޅުނު ސުޖިތު ހެމަންތަ އާއި 2000ގެ އަހަރުތަކުގައި ނިއު އަށް ކުޅުނު ސަދުން ދެވިންދަ އާއި ސަމްޕޫ ރޯހަން އެވެ. މީގެ ތެރެއިން ސަދުން، 2005 ގެ އޭއެފްސީ ކަޕުގައި ނިއުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭޝިއާގެ ބައެއް ބޮޑެތި ޓީމުތަކުން ވެސް އޮފާ ލިބުނެވެ.