މަޖިލިސް ޗުއްޓީއަށް ދިއުން ފަސްކޮށްފި
މަޖިލިސް ޗުއްޓީއަށް ދިއުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަަނަ ދައުރު މި މަހުގެ ނިޔަލަށް ނިމޭ އިރު، މުހިއްމު ބައެއް މުހިއްމު މަސައްކަތްތައް ނުނިމި ހުރުމުން އަންނަ މަހުގެ ހަތަރަކާ ހަމަައަށް މި ދައުރު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ދަންމާލަން މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ދައުރު ދަންމާލަން ފާސްކުރީ އެކަމާ މެދު ފެންނަ ގޮތެއް ބަލަން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓުދެއްވީ ހަތް މެންބަރެކެވެ.

މަޖިލީހުގެ މަސައްކަތްތައް ކޮންމެ އަހަރަކު ވެސް ކުރަނީ ތިން ދައުރަކަށް ބަހާލައިގެން ކޮންމެ ދައުރަކަށް ފަހު ޗުއްޓީ ނަގާ ގޮތަށެވެ. އަހަރުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ އެކަކުން މެއި 15 އަށް އޮންނަ ދައުރެވެ. ދެވަނަ ދައުރު ޖޫން އެކަކުން އޮގަސްޓް 15 އަށެވެ. ތިން ވަނަ ދައުރު ސެޕްޓެމްބަރު 15 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދައުރު ދަންމައިލި އިރު މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ލޯކަލް ކައުންސިލް އިންިތިހާބުގެ ކުރިން، ލާމަރުކަޒީ ގާނުނަށް ގެންނަން ސަރުކާރުން ހުށަހަަޅާފައިވާ ބައެއް ބަދަލުތަކުގެ މަސައްކަތް ހިމެނެ އެވެ.