01 އެޕްރީލް 2017 - 07:11

ދުވާލު ކުޑަ އިރުކޮޅަކު ނިދާލުމަކީ ސިކުނޑިއަށް އުފާވެރިކަން ލިއްބައިދޭ ކަމެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށް ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.
ފުރިހަމަ ނިންޖަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެއްކަން މިހާރުވެސް އެނގެ އެވެ. އެކަމަކު ފަހުގެ ދިރާސާއިން އެނގުނު ގޮތުގައި ދުވާލު ނިދާލުމަކީ އެކަމުގައި ފައިދާތަކެއް އެކުލެވޭ ކަމެކެވެ. ދުވާލު ވަރަށް ކުޑަ އިރުކޮޅަކު ނިދާލުމަކީ އެކަމުގެ ސަބަބުން އުފާވެރިކަމުގެ އިހްސާސްތައް ގެނުވާ ކަމެއްކަން ފަހުގެ ދިރާސާއިން އެނގުނެވެ.
ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔާގެ ޕްރޮފެސަރު ރިޗަޑް ވައިސްމަން ވިދާޅުވީ ދުވާލު 30 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގައި ނިދާލުމަކީ ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރުވެ މީހާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެއްކަން މީގެ ކުރީގެ ދިރާސާތަކުން އެނގިފައިވާ ކަމަށެވެ. އެކަމަކު ފަހުގެ ދިރާސާއިން އެނގުނު ގޮތުގައި ދުވާލު ކުޑަ އިރުކޮޅަކު ނިދާލުމުން، މި ހުރިހާ ކަމެއްގެ އިތުރުން މީހާއަށް އުފާވެރިކަން ވެސް ގެނެސްދެ އެވެ.
"ހަމަ މިގޮތަށް، ދުވާލު މާގިނައިރު ނިދުމަކީ އެކަމުގައި ސިއްހީ ނުރައްކާތައް އެކުލެވިގެންވާ ކަމެއް. އަދި މިކަން ދިރާސާއިން އެނގޭ،" ޕްރޮފެސަރު ވިދާޅުވި އެވެ.
އެޑިންބާގް އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލަށް ހުށަހެޅުމަށް ހެދި މި ދިރާސާގައި 1000 މީހަކާ ސުވާލުކޮށް، އެ މީހުން ދުވާލު ނިދުމުގެ އާދަ ހުންނަ ގޮތް ދެނެގެންފައިވެ އެވެ. އަދި މި މީހުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އުފާވެރިކަމުގެ މިންވަރު ދެނެގަތުމަށް ހާއްސަ ސުވާލުތަކެއް ކޮށްފައިވެ އެވެ.
މި ދިރާސާއިން އެނގުނީ ދުވާލު ކުޑަ އިރުކޮޅަކު ނިދާލާ މީހުންގެ ތެރޭގައި އުފާވެރި މީހުން ގިނަކަމެވެ.